24 Jul 2013, 13:36
އެމްޑީޕީގެ ފުލުހުންނާ ސިފައިންގެ ސިޔާސަތު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ސިޔާސަތާއި އެމްޑީޕީގެ އަސްލު ސިޔާސަތު ހާސްބައި ތަފާތުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެމްޑީޕީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ޕާޓީގެ ފުލުހުންނާއި ސިފައިންގެ އަސްލު ސިޔާސަތު ފުލުހުންނަށް ވެސް އަދި ސިފައިންނަށް ވެސް ފެނިގެންދާނެ ކަމަށެވެ. އެ ސިޔާސަތު ލީކްވެފައިވާ ޑޮކިޔުމެންޓާ "ހާސްބައި ތަފާތު ވާނެ" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ސިޔާސަތު ވެސް ހާމަވެގެން ދާނެ. [އެ ސިޔާސަތު ހާމަވެގެން] ދާއިރުގައި މިއަދު އެ ލީކްކުރެވިފައިވާ ޑޮކިޔުމެންޓާއި ހާސްބައި ތަފާތު ވާނެ. އަޅުގަނޑުމެންގެ އަސްލު ސިޔާސަތު ފުލުހުންނަށް ވެސް ސިފައިންނަށް ވެސް ފެނިގެންދާނެ،" ރޭ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ކަމަށް ބުނެ ޑޮކިއުމެންޓެއް ލީކްކޮށްލުމަކީ އެޕާޓީއަށް ލިބުނު އިޝްތިހާރެއް ކަމަށާއި އެއީ އެމްޑީޕީން އަމިއްލައަށް ކުރިކަމެއް ނޫންކަމަށް ހީކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހީކުރަން އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރިކަމެއް ނޫންކަމަށް. ކޮންމެއަކަސް އަޅުގަނޑުމެންގެ ވާދަވެރިން އެހެންނޫނިއްޔާ މިއަދު ކުއްލިއަކަށް ބާޣީންނަށް ހެދެން ވެގެން ވާހަކަދައްކަވަން ފައްޓަވައިފި،" ނަޝީދު ވިދާޅުވި އެވެ.
މިހާރު ލީކްކޮށްލާފައިވާ ޑޮކިއުމެންޓް އަސްލު ސިޔާސަތާއި ހާސްބައި ތަފާތުވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ލީކްކޮށްލާފައިވާ ޑޮކިއުމެންޓުގައި ހުރި އެއްވެސް ވާހަކައެއް ނަޝީދު ދޮގުކުރައްވާފައެއް ނުވެ އެވެ. ލީކްކޮށްލާފައިވާ ސިޔާސަތު އެކުލަވާލުމަށް ކޮމެޓީއެއް އުފެއްދި ކަމަށް ބުނެ އެ ކޮމެޓީގެ މެމްބަރުންގެ މައުލޫމާތު ލީކްކޮށްލާފައިވާ ޑޮކިއުމެންޑުގައި ހިމަނާފައިވާ އިރު އެކަމާ ބެހޭ ގޮތުން ނަޝީދު އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.