ދިރާގު މޯބައިލް ފޯނުން މޯބައިލް ގުޅުމަށް މައްސަލައެއް ދިމާވެ މުވާސަލާތު ކުރުމަށް ބުރޫއަރައިފި އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު މިރުޝާން ހަސަން މިއަދު ސަން އަށް ވިދާޅުވި ދިރާގު ވޮއިސް ކޯލަށް މައްސަލަ ދިމާވެ ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް ނެޓްވޯކަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ. މިރުޝާން ވިދާޅުވީ ނެޓްވޯކަށް މައްސަލައެއް ދިމާވިކަން ފާހަގަ ކުރެވުމާ ގުޅިގެން އެ މައްސަލަ މިހާރު ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވޮއިސް ކޯލަށް މައްސަލަ ދިމާވީ ކޮން ސަރަހައްދުތަކަށް ކަމެއް އަދި ނޭނގޭ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ. ނަމަވެސް މިއަދު ވަނީ ދިރާގު މޯބައިލް ފޯނުން މޯބައިލް ފޯނަށް ގުޅުމުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން މާލެ ކައިރި ސަރަހައްދުތަކުގެ ރަށްތަކަށް މައްސަލަތައް ދިމާވެފަ އެވެ.