ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބާއްވާ ހުރިހާ ފެއާތަކާއި އެގްޒިބިޝަންތައް، ތިންކު އެސޯސިއޭޓްސް ޕަރއިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގަ އެވެ. އެއްބަސް ވުމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ޖައްމިއްޔާގެ ރައީސް ހާމިދު އިސްމާއީލް އެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ ތިންކްގެ ސީއީއޯ އަދީލް އިސްމާއީލް އެވެ.

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ތިންކާ އެކުވި އެއްބަސްވުމާ އެކު، އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިން ގެންދިޔަ މިސްރާބު ނޫން ދިމާއަކަށް ބަދަލުވެގެންދާނޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވިސްނާފައި މި ހުރީ، އަޅުގަނޑުމެން ކުރީގައި ހަރަކާތްތައް ހިންގި ގޮތަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް އަޅުގަނޑުމެންގެ ހަރަކާތްތައް ހިންގަން. މިދޭތެރެއިން އަޅުގަނޑުމެންގެ ހަރަކާތްތައް މަދުވީ، އަޅުގަނޑުމެންގެ ޖަމިއްޔާ އެކީގައި ރީ-ސްޓްރަކްޗާ ކުރަން ޖެހުނީމަ،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މީގެ ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހުރިހާ ހަރަކާތްތަކެއް ހިންގުން ބިނާކޮށްފައި އޮންނަނީ ނައިޓްމާކެޓް ބާއްވައިގެން ލިބޭ މަންފާ އަށް ބަލާފައި ކަމަށެވެ.

"މިއޮއް ހުރިހާ ދުވަހަކު އަޅުގަނޑުމެންގެ ޖަމިއްޔާ ބޭސްވެފައި މި އިންނަނީ ނައިޓްމާކެޓަށް. އަޅުގަނޑުމެންގެ ހުރިހާ ކަމަކާއި ހުރިހާ އެއްޗެއް މި އިންނަނީ ނައިޓްމާކެޓްގެ ރެވެނިއުއަށް ޑިޕެންޑުވަފައި. ދެން މި އަހަރު ކުއްލިއަކަށް އަޅުގަނޑުމެންނަށް ހުއްދައާ އެއްޗެހި ނުލިބި އެހެން ބަޔަކު އެކަންތައް ކުރަން ފެށުމުން އަޅުގަނޑުމެން މިކޮޅުގައި ހުރި ކަންތައްތައް ބަދަލު ކުރުމަށް ފަހު، އަޅުގަނޑުމެން މިހާރު އެހެން ވިސްނުމަކާ އެކީގައި ކުރިއަށް މިދަނީ،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ، ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް އަލަށް ގެނެވުނު ބަދަލުތަކާ އެކު އެ ޖަމިއްޔާ އިން ކުރިއަށް އޮތްތާނގައި މަސައްކަތް ކުރާނީ، ބައިނަލްއަގްވާމީ ވިޔަފާރީގެ ބާޒާރުގެ ތެރެއަށްވަނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މިބަލަނީ އިންޓަނޭޝަނަލް އިވެންޓްސް ރާއްޖޭގައި ބޭއްވޭނެ ގޮތާއި އަޅުގަނޑުމެންނަށް ކުރީގައި ކުރި ކަންތައްތަކުގެ އިތުރަށް، ފުޅާކޮށްގެން އިތުރަށް ކޮންކޮން ކަންތައްތަކެއްތޯ ކުރެވޭނީ. އަދި އެކަންތައްތައް ކުރުމުގެ ގާބިލްކަން ރާއްޖޭގައި ހުރީ ކޮންބަޔަކާ އެކީގަތޯ ބަލާފައި، އެބަޔަކާއެކީގައި ގުޅިގެން އަޅުގަނޑުމެން ކުރިއަށްދާން،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ޓަކައި ކުދި ވިޔަފާރިތަކަށް ފުރުސަތު ލިބޭނޭ ގޮތްތަށް ބަލައި، ހަމައެކަނި މާލޭގައި ކުރާ ވިޔަފާރިތަކަށް އަހަންމިއްޔަތުކަން ދިނުމުގެ ބަދަލުގައި އަތޮޅުތެރޭގެ ވިޔަފާރިތަކަށް ވެސް ބޮޑު އިސްކަމެއް ދީގެން ވިޔަފާރީގެ ސިނާއަތު ކުރިއެރުވޭނީ ކިހިނެއްތޯބަލައި އެފަދަ ކަންކަން ކުރުމަށް އެ ޖަމިއްޔާއިން ކުރިއަށް އޮތްތަނުގައި އިސްކަން ދޭނޭ ކަމަށެވެ.

ތިންކުގެ ފަރާތުން އަދީލް ވިދާޅުވީ، ވިޔަފާރިވެރިންގެ ޖަމިއްޔާއާ މަޝްވަރާ ކުރުމަށް ފަހު އެޖަމިއްޔާ އިން ކުރިން ބާއްވަމުންގެންދިޔަ ފެއާތަކާއި އެގްޒިބިޝަންތައް ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ތިންކުން ވިސްނާފައިވާ ކަމަށެވެ.

"މިހާރު ހުރި ފެއާތައް އަޅުގަނޑުމެން މި ބަހާލަނީ ހަތަރު ކެޓަގަރީއަކަށް. ޓޫރިޒަމްއާއި، ޓްރެވަލްއާއި، ކޮންސިއުމާއާއި އަދި ދެން އެހެނިހެން މަސައްކަތްތައް ވެސް ބަހާލައިގެން ކުރިއަށް ގެންދަން. އެހެންވީމާ އަޅުގަނޑުމެން މި ވިސްނަނީ، ކުރީގައި ބާއްވަމުން ގެންދިޔަ ފެއާތައް ކޮންމެވެސް ވަރަކަށް ރީބްރޭންޑްވާނެ،" އަދީލު ވިދާޅުވި އެވެ.

އަދީލް ވިދާޅުވީ، ތިންކުން މިހާރު ޗެމްބަރާ އެކު މަޝްވަރާކުރަމުން ގެންދަނީ، އެންމެ ބޮޑަށް މަސައްކަތް ކުރަން ބޭނުންވާ ސެކްޓާތަކަކީ ކޮބައިކަން ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

"މިއަންނަ އަހަރު ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ޓޫރިޒަމް އިންވެސްޓްމަންޓް ކޮންފަރެންސެއް ބޭއްވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އެގޮތުން ހޮންކޮންގް ތަންތާނގައި މިހާރު ވެސް އެފަދަ ފެއާތައް ބާއްވަމުން އަންނަ ފަރާތަކާ މަޝްވަރާކުރަމުން މި ގެންދަނީ. އަދި އެފަރާތުން ޕޮޒިޓިވް ރެސްޕޮންސެއްވެސް ލިބިފައި ވަނީ،" އަދީލް ވިދާޅުވި އެވެ.

އަދީލް ވިދާޅުވީ، މިހާރު ވެސް އިންވެސްޓްމަންޓް ބޭންކާޒްއާއި އެފަދަ ފަރާތްތައް ގެނެވޭނޭ ކަމުގެ އުންމީދު އެފަރާތްތަކުން ދީފައިވާ ކަމަށާއި ކުރިއަށް އޮތްތާނގައި އެފަދަ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު މީޑިޔާ އަށް މައުލޫމާތު ހާމަކުރަމުން ގެންދާނޭ ކަމަށެވެ.