ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް ރުހުން ނުލިބުމުން، ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވި އައިޝަތު އާޒިމާ ޝުކޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާން ކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އާޒިމާ އަށް ރުހުން އޮތްތޯ ބަލާނީ އޭނާގެ ނަން ދިރާސާ ކުރެއްވި ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން ބަހުސް ކުރެއްވުމަށް ފަހުގަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އާޒިމާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. ކޮމެޓީން ގޮތަކަށް ނިންމީ ކޮމެޓީ އަށް ހާޒިރުވި ހަމައެކަނި އެމްޑީޕީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ހިއުމަން ރައިޓް މިނިސްޓަރު ކަމަށް އާޒިމާ އައްޔަން ކުރުމުން އެކަމަނާއަށް ރުހުން ނުލިބުނީ ދެ ވޯޓުގެ ތަފާތުންނެވެ. މި މަހުގެ ފުރަތަ ދުވަހު ނެގި އެ ވޯޓުގައި 33 މެންބަރުންގެ އަލުގަބިއްޔަތު ލިބުނީ އޭނާ އަށް ރުހުން ނުދިނުމަށެވެ. އަދި 31 މެންބަރުން ވޯޓު ދެއްވީ އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށެވެ.

އާޒިމާ އަށް މަޖިލީހުގެ ރުހުން ނުލިބުނީ އެމްޑީޕީގެ މެންބަރުންނާ އެކު ސަރުކާރަށް ތާއިދު ކުރާ ބައެއް މެންބަރުން އޭނާ އަށް ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ. އެ މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ މެންބަރުން ވެސް ހިމެނެ އެވެ.