24 Jul 2013, 12:45
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކިއެކި ކުށްތަކުގެ ތުހުމަތުގައި ބަންދު ނުވަތަ ހައްޔަރުކޮށްގެން މުއްދަތު ޖެހުމަށް 5292 މީހުން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކޯޓަށް ހާޒިރުކުރާ މީހުންނާ ބެހޭ އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބަންދުކުރާ މީހުންގެ ހައްޔަރު ނުވަތަ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ޓަކައި މިދިޔަ އަހަރު 5440 މީހުން ކޯޓަށް ކޯޓަށް ހާޒިރުރުކޮށްފައިވާ އިރު މި އަހަރު އެ މުއްދަތުގެ ތެރޭގައި ހާޒިރުކޮށްފައިވާ މީހުންގެ އަދަދު ވަނީ 148 މީހުން އިތުރުވެފަ އެވެ.
މި އަހަރު ފުރަތަމަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ތަފާތު ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ ތަފާތުކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށް 2754 މީހުން ކޯޓަށް ހާޒިރުކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހާޒިރުކޮށްފައި ވަނީ 1869 މީހުން ނެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 967 މީހަަކު ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައިވާ އިރު މާރާމާރީގެ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްގެން 303 މީހަކު ކޯޓަށް މުއްދަތު ޖެހުމަށް ވަނީ ހާޒިރުކޮށްފަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވެގެން 561 މީހަކު އަދި ބަދުއަހުލާގީ ތަފާތު އެކި މައްސަލަތަކުގެ ތުހުމަތުގައި 565 މީހަކު ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކޮށްފައިވާ 5792 މީހުންގެ ތެރެއިން 4890 މީހުން ބަންދުގައި ބައިތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް އެކޯޓުން ބުންޏެވެ.