24 Jul 2013, 12:28
ގައުމީދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއް ތަނަށް ގެންގޮސް މިނިވަން ދުވަހުގެ ހަފްލާ ބޭއްވުމާ ދެކޮޅަށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރިވައިވް ޖަމިއްޔާ އިން މިއަދު ހުށަހެޅި ޕެޓިޝަންގައި 105 މީހަކު ސޮއިކޮށްފައިވެ އެވެ.
އޭގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއާއި ޕީޕީއެމް އާއި ޑީއާރުޕީގެ ބައެއް މެމްބަރުންގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ ބައެއް ބޭފުޅުންނާއި ހެރިޓޭޖް ޑިޕާޓްމަންޓްގެ ބޭފުޅުން ސޮއިކުރައްވާފައިވެ އެވެ. އަދި ރާއްޖޭގެ ހުރި ހަމައެކަނި އާކިއޮލޮޖިސްޓިކް ވެސް ވަނީ އެ ޕެޓިޝަންގައި ސޮއި ކުރައްވާފަ އެވެ.
މިއަދު ހެނދުނު ރައީސް އޮފީހަށް ރިވައިވް ޖަމިއްޔާ އިން ޕެޓިޝަން ހުށަހެޅުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ޖަމިއްޔާގެ ރައީސް އަހުމަދު ނައުފަލް ބުނީ އެ ޖަމިއްޔާގެ އެދުމަކީ ޕެޓިޝަންގައި އެދިފައިވާނެ ފަދައިން އެރަސްމިއްޔާތު އެހެން ތަނަކަށް ބަދަލު ކުރުން ކަމަށެވެ. އަދި އެ ޖަމިއްޔާ އިން މަސައްކަތް ކުރަނީ މިނިވަން ދުވަހުގެ ޖަލްސާ އަށް ހުރަސް އަޅަން ނޫން ކަމަށް ވެސް ނައުފަލް ބުންޏެވެ.
ރިވައިވް ޖަމިއްޔާ އިން ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ އެފަދަ ހަފްލާތަކަކީ އެއްވެސް ގައުމެއްގެ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން ބަހައްޓާފައިވާ ހޯލުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
އަދި މާލޭގައި އެފަދަ ހަފްލާތައް ބާއްވަން އެކަށީގެންވާ ގިނަ މާލަމްތައް ހުރުމާ އެކު، މިނިވަން ދުވަހުގެ ހަފްލާ އަދި އެނޫންވެސް އެއްވެސް ހަފްލާއެއް ގައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން ހުރި ތަނުގައި ނުބޭއްވުމެވެ.
މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ ގައުމީ ދާރުލްއާސާރުގައި ހުންނަ އެއްޗިއްސަށް ލިބޭ ގެއްލުން ފޫބެއްދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެތަނުގައި އެރަސްމިއްޔާތު ބާއްވާ ނަމަ އެކަމާ އިހުތިޖާޖު ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު ވެސް ރައީސް އޮފީހުން ދާރުލްއާސާރުގައި އެ ރަސްމިއްޔާތު ބާއްވަން ހަމަޖެއްސުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ނުކުރުމަށް ރައީސް އޮފީހުގެ ކަމާ ބެހޭ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"ދާރުލްއާސާރުގައި އެހެރަ އެއްޗިއްސަކީ އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އަންގައިދޭ އެއްޗެހި. ދިވެހިން އައިސް މިތިބި ގޮތާއި މިކަންކަން މިއަންގައިދެނީ އޭގެ ސަބަބުން،" ތޯރިގް ވިދާޅުވި އެވެ.
ރިވައިވް ޖަމިއްޔާ އިން ބުނީ ޕެޓިޝަން ހުށަހެޅުއްވުމުން ޖަވާބެއް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.