24 Jul 2013, 12:18
ދިވެހި ރައްޔިތުންގެ ތެރެއިން ދަތި ހާލުގައިވާ މީހުންނަށް ސަރުކާރުން ދޭން ޖެހޭ 11 އެހީއެއް ކަނޑައަޅާފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
މީގެ ދެ އަހަރު ކުރިން 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކޮށް ނިންމައި އިޖުތިމާއީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ގޮތުން ދަރިން ބަލަހައްޓާ މައިން ނުވަތަ މައިންބަފައިންނަށް ސަރުކާރުން އެހީ ދޭންޖެހޭނެ ކަމަށާއި އަޅާލާނެ ފަރާތެއް ނެތް މީހުންނަށް ވެސް އެހީ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ނަފްސާނީ ބަލީގެ މީހުންނަށްދޭ އެހީ އާއި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް އެހީ ދިނުމަށް ކަނޑައަޅާފައިވެ އެވެ. ކަރަންޓް ބިލް ދެއްކުމަށްދޭ އެހީ އާއި ކާބޯތަކެއްޗަށްދޭ އެހީ އާއި ފެންބިލު ދެއްކުމަށްދޭ އެހީ އާއި ގޯތިގެދޮރުގެ އެހީ އާއި ކުއްލި ހާލަތެއް ދިމާވެގެން ސަރުކާރުން އެހީ ދިނުމަށާއި އެކި ސިނާއީ ދާއިރާތަކުގައި ކުދި ނުވަތަ މެދުފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތި ހާލެއްގެ މެދުވެރިވެއްޖެ ނަމަ ސަރުކާރުން އެހީ ދިނުމަށާއި ސްކޫލް މަދުރަސާ އަދި ކޮލެޖް ނުވަތަ ޔުނިވާސީޓީ ދަރިވަރުންނަށް އެހީ ދޭން ޖެހޭނެ ކަމަށް ބަޔާން ކުރެ އެވެ.
އިޖުތިމާއީ ރައްކާތެރިކަން ސަރުކާރުން އެފަދަ ފަރާތަކަށް ދޭން ޖެހޭނީ އެ މީހަކު އަމިއްލަ އަށް އެދިގެން ނުވަތަ އޭނާއާ ގުޅުން އޮންނަ ފަރާތަކުން ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ހުށަހަޅައިގެންނެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުގައި ދޭންޖެހޭނެ ފައިސާގެ އަދަދު ބަޔާން ކުރާ ގަވާއިދެއް ހަދަންޖެހޭނެ ކަމަށާއި އެ ގަވާއިދު ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައިވެ އެވެ. އެ ގަވާއިދުގެ ދަށުން އެހީ ހައްގުވުމުގެ ޝަރުތުތައް ބަޔާން ކުރަންޖެހެ އެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދިނުމަށް ބޭނުންވާ ފައިސާ ކޮންމެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި ހިމެނުމަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
ސަރުކާރުންދޭ އެހީ ލިބޭ މީހާގެ ޒާތީ، ސިއްހީ އަދި އެހެނިހެން މައުލޫމާތު ސިއްރުކޮށް ރައްކާތެރިކަމާ އެކު އެންސްޕާއިން ބަލަހައްޓަންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އެފަދަ މައުލޫމާތެއް އާންމުކޮށްފި މުވައްޒަފަކު 5،000ރ. އާއި 10،000 އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިބުނެ އެވެ.