ސޯސަންމަގު ބެދޭ ގޮތަށް ރޭ ބަޔަކު އަޅާލައިފައިވާ ކުނިތައް ނަގާ އެސަރަހައްދު މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފި އެވެ.

ރޭ ގާތްގަނޑަކަށް 11:45 އެހާކަންހާ އިރު އެ ސަރަހައްދަށް ގިނަ އަދަދަކަށް ކުނި އަޅާފައިިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވަނީ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު އަބްދުއްކަރީމް (ރުކުމާ) މިއަދު ވިދާޅުވީ އެސަރަަހައްދުގައި ހުރި ކުނިތައް ނަގާ ރޭ ގާތްގަނޑަކަށް 12:30 އެހާކަންހާއިރު އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށެވެ.

ސޯސަންމަގަށް ރޭ ފެތުރިފައިވާ ކުނިތަކުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އެސަރަހައްދުން ދަތުރުކުރާ ވެހިކަލްތަކުގެ އިތުރުން ހިނގާ މީހުންނަށް ބޮޑެތި ތަކުލީފްތަކަކާ ރޭ ވަނީ ކުރިމަތިލާން ޖެހިފައިވެ އެވެ.

ސޯސަންމަގުގައި ހުންނަ ސީޕީ ފޯނު ފިހާރަ ކައިރީގައި އެމަގަށްވާ ގޮތަށް އަޅާލައިފައިވާ ކުނިތަކަކީ އެސަރަހައްދުގައި ހުރި ގަހެއްގެ ކައިރިއަށް ދުވަސްތަކެއް ވަންދެއް ބަޔަކު މީހުން އަޅަމުން ދިޔަ ކުނިތަކެއް ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައިވާނެ ކަމަށް އެސަރަހައްދުގައި އުޅޭ ބައެއް މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކުނިތައް މަގަށް ފަތުރާލައިފައި ވަނީ ކޮންބައެއް ކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ވެސް އެމީހުން ބުނެ އެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ ތަހުގީގުކުރަމުންނެވެ.