ފުލުހުންގެ ވަޒީފާގައި އުޅެނިކޮށް ނުވަތަ އެ ވަޒީފާގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގައި ނިޔާވާ ފުލުހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕޮލިސް މެމޯރިއަލް ފަންޑުގެ ނަމުގައި އެކައުންޓް ފަންޑެއް މިއަދު ހުޅުވައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އާއިލާތަކަށް މާލީ ގޮތުން އެހީތެރިވުމަށާއި އަދި މެމޯރިއަލް ޑޭގެ ހަރަކާތްތަކަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ބޭންކް އޮފް އޮފް މޯލްޑިވްސްގައި އެކައުންޓެއް މިއަދު ހުޅުވާފައިވާ ކަމަށާއި އެ އެއެކަންޓްގެ އެކައުންޓް ނަންބަރަކީ 77011666294001 ކަމަށެވެ.

މިފަންޑަށް ފައިސާ ނުވަތަ ތަކެތި ޖަމާކުރުމުގެ ފުރުސަތު ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި 23 އަކީ "ޕޮލިސް މެމޯރިއަލް ޑޭ"ގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖައްސައި އެދުވަހުގެ ކަންކަން ބަޔާންކޮށް ފުލުހުންގެ އިދާރާ އިން ނެރެފައިވާ އޯޑަރުގައިވާ ގޮތުން އެ ފަންޑުން ކުރާނޭ ހަރަދުތަކާއި ހަރަދުތައް ކުރާނެ މިންވަރު ކަނޑައަޅާނީ އެކަަމަށްޓަކައި އެކުލަވާލެވޭ ހާއްސަ ކޮމެޓީއަކުން ކަމަށެވެ.

އެއޯޑަރުގައި އާއިލާގެ ގޮތުގައި މާނަކޮށްފައި ވަނީ ނިޔާވެ ގޮސްފައިވާ ފުލުހުންގެ މަންމަ، ބައްޕަ، އަނބިމީހާ ނުވަތަ ފިރިމީހާ، އަދި ދަރިންނާއި ދަރިންގެ ގޮތުގައި ގާނޫނީ ހަމަތަކުގެ މަތިން ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.