24 Jul 2013, 11:15
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ސިފަކުރެއްވި ގޮތުގައި 2000 ވަނަ އަހަރު އެ ކުންފުނި ފަށައިގަތީ "ހުސް ދެއަތާ އެކު" އެވެ. އޭރު ކުންފުނި އުފެއްދުމަށް ފަހު ސަރުކާރުން ދިނީ ކެޕިޓަލްގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެވެ. އެތެރޭގެ އުދުހުމުން އެ ދުވަސްކޮޅު ބޮޑު ގެއްލުމަކާ އެކު ހިންގި ނަމަވެސް ކުންފުނީގެ މިސްރާބު ފަހުން ބަދަލުކޮށްލި އެވެ.
"އެތެރޭގެ އުދުހުންތަކުން ގެއްލުންވަމުން ދިޔަ ނަމަވެސް އޭރު ވެސް އިސްކަންދިނީ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީނުކުރުމާއި އިތުރު މަތިންދާބޯޓުތައް ހޯދަން. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އުދުހުންތަކުން ވަނީ ފައިދާވާން ފަށާފައި،" އޭނާ ވިދާޅުވި އެވެ.
ހާރިސް ވިދާޅުވީ ކުންފުންޏަށް ސަރުކާރުން މުޅި ޖުމްލަ އިކުއިޓީގެ ގޮތުގައި ދީފައި ވަނީ 55 މިލިއަން ރުފިޔާ ކަމަށެވެ. އަދި ކުންފުނިން މިހާރު އިތުރު މަތިންދާބޯޓުތައް ހޯދައި ވިޔަފާރި އެތައް ގުނައެއް ފުޅާކޮށް، ފައިދާ ވެސް އެތައް ގުނައެއް އިތުރުކުރީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ކުންފުނިން މިހާރު ވަނީ ވައިގެ ދަތުރުފަތުރުގެ އިތުރުން އެއާޕޯޓެއް ހިންގައި އަދި ލައުންޖާއި މޯލްޑިވިއަން ޓްރެވަލްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ވެސް މިހާރު ވަނީ ހިންގަން ފަށާފަ އެވެ. އަދި މިހާރު އެ ކުންފުންޏަކީ އިތުރުބާރު ލިބިފައިވާ ފައިދާވާ ކުންފުންޏަކަށް ވަނީ ބަދަލުވެފަ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ 35 ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ސަބަބެއް ކަމަށް ހާރިސް ވިދާޅުވީ ކުންފުނިން ޓޫރިޒަމްގެ ވިޔަފާރިއަށް ވަދެ ފުޅާކުރުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ކުރާ ޑޮމެސްޓިކް ދަތުރުތަކުގައި އެންމެ ގިނަ އުފުލަނީ ޓޫރިސްޓުން. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އާއްމުންނަށް ކުޑަ އަގެއްގައި މި އުފުލެނީ. އަޅުގަނޑުމެންގެ މިދިޔަ އަހަރުގެ ފައިދާ އިތުރުވީ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމާއި ދަރަވަންދޫ އެއާޕޯޓު ހިންގުން ފަދަ އިތުރު ވިޔަފާރިތައް ކުރަން ފެށުން،" އޭނާ ވިދާޅުވި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 46.9 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 34.4 މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 793.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ލިބިފައި ވަނީ 636.5 މިލިއަން ރުފިޔާ އެވެ.
"މިދިޔަ އަހަރަކީ ކުންފުންޏަށް ހުރިހާ ގޮތަކުން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބުނު އަހަރެއް. މިދިޔަ އަހަރަކީ ވަރަށް ޗެލެންޖިން އަހަރެއް. އެހެން ނަމަވެސް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކޮށް އެތެރޭގެ އުދުންތަކުގައި ޓޫރިސްޓުން އުފުލި އަދަދު ވެސް އިތުރުވެގެން،" އޭނާ ވިދާޅުވި އެވެ.
ހާރިސް ވިދާޅުވީ ކުންފުނިން ކުރާ ވިޔަފާރިތަކުގެ ތެރެއިން މިދިޔަ އަހަރު ސީއައިޕީ ލައުންޖް ފިޔަވައި އެހެން ހުރިހާ ދާއިރާތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ކާގޯ އާއި ޑޮމެސްޓިކް ދަތުރުތަކުގައި ޓޫރިސްޓުން އުފުލައިގެން ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓޫރިޒަމް ދާއިރާއަށް ވަނުމުގެ ފައިދާ މިހާރު މި ފެންނަނީ. ކުރިން އަޅުގަނޑުމެން ތިން ފްލައިޓް އެޅި ތަންތަނަށް މިހާރު ދުވާލަކު ނުވަ ފްލައިޓް އަޅަން ޖެހޭ. އޭގެ އިތުރުން ކެޕޭސިޓީ އިތުރުކުރަން ބޮޑު ބޯޓު ގެނައުމުން ޕެސެންޖަރުން އުފުލޭ މިންވަރު އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެ،" ހާރިސް ވިދާޅުވި އެވެ.
ހާރިސް ވިދާޅުވީ މިއަހަރުގެ އަމާޒަކީ އިތުރު ޑޭޝް8 ގެ މަތިންދާ ބޯޓެއް ގެނެސް އެތެރޭގެ އުދުހުންތައް އިތުރުކޮށް އިންޓަނޭޝަނަލް މަންޒިލްތައް ވެސް އިތުރުކުރުން ކަމަށެވެ. ހާއްސަކޮށް ޗައިނާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގެންދަނީ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ފައިދާ މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން. އަޅުގަނޑުމެން މިހާރު ވަނީ ކައްދޫ އެއާޕޯޓުގެ ބީލަން ވެސް ކާމިޔާބުކޮށްފައި. އަދި މިދިޔަ އަހަރު ބޮޑު ބޯޓު ގެނެސް ޕައިލެޓުންނަށް ޖެޓް ރޭޓިން ހަދައިދިނުމަކީ ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ހާރިސް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ފަސް މިލިއަން ރުފިޔާ ސަރުކާރަށް ދައްކައިފަ އެވެ. އެއީ ކުންފުނީގެ އިކުއިޓީގެ ދިހަ ޕަސެންޓެވެ.
"އަޅުގަނޑުމެން މިހާތަނަށް ފައިދާގެ ގޮތުގައި 140 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ދައްކައިފިން. މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއިން އަޅުގަނޑުމެން ކުންފުނި ފުޅާކުރަން ވަރަށް ބޮޑަށް ބޭނުންވޭ. އެހެންކަމުން ޑިވިޑެންޑް ދައްކާ އަދަދު މަދުވި ނަމަވެސް ވިޔަފާރިފުޅާކުރުމުން ޖުމްލަކޮށް ލިބޭ ފައިދާ ފަހުން އިތުރުވެގެންދާނެ. އަޅުގަނޑުމެންނަށް މިހާ ހިސާބަށް ދިއުމުގައި ކުންފުނީގެ ކުރީގެ ތިން ޗެއާމަނުންނާއި ކުންފުނީގެ މުވައްޒަފުން ދިން އެއްބާރުލުމުގެ ހިއްސާ ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.
ދިވެހިންގެ ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަނަކީ އެއް ޒަމާނެއްގައި ގެއްލުންވި ކުންފުންޏެއް ނަމަވެސް މިހާރު އެ ކުންފުނި ވަނީ ބުރަ މަސައްކަތުން އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދަމާލައިފަ އެވެ. އަދި އެ ކުންފުނީގެ ވަރަ ދުވަހެއް ދުވަހަކަށް އަންނަނީ ފުޅާވަމުންނެވެ.