24 Jul 2013, 11:11
ޑްރަގް ކޯޓު ރިސެސް އަށް ގޮސްފި އެވެ.
ޑްރަގް ކޯޓުން ބުނީ އެ ކޯޓުގެ ރިސެސްގެ ފުރަތަމަ ޓާމް މިއަދު ފަށާފައިވާ ކަމަށާއި ކޯޓުގެ ކަލަންޑަރުގައި ބުނެފައިވާ ގޮތުން ރިސެސްގެ ފުރަތަމަ ޓާރމް ނިމެނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
ރިސެސްގެ މުއްދަތުގައި އިބްތިދާއީ އަޑުއެހުންތަކާއި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ނުގެންދާނެ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
ޑްރަގް ކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނުގެ 78 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުންކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް އިއްޔެ ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވެ އެވެ. އެގޮތުން ޑްރަގް ކޯޓުގެ ގަވާއިދު މުރާޖިއާކުރުމާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ނިންމުމާއި ފަރުވާހޯދާ މީހުން ފަރުވާހޯދާ މުއްދަތުގައި ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދާ ހާލަތު ބައްދަލުވުން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކޯޓުގެ ރެކޯޑުތައް އަޕްޑޭޓްކުރުމާއި ޝަރީއަތާގުޅޭ މުހިއްމު އުސޫލުތައް މުރާޖިއާކުރުން ހިމެނޭ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
ޑްރަގް ކޯޓުން ބުނީ ރިސެސްގެ ފުރަތަމަ ޓާރމް ފެށުނު އިރު، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 59 ޕަސެންޓް މީހުންގެ (544 މީހުންގެ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކުރެވިފައިވާ ކަމަށެވެ. ބާކީ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އަމުރު ނުކުރެވިވަނީ 41 ޕަސެންޓް މީހުން (374 މީހުން) ކަމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 32 ޕަސެންޓް މީހުންގެ (293 މީހުން)ގެ މައްޗަށް ފުރަތަމަ ހުކުމާއި ރީހެބިލިޓޭޝަން އަމުރުކުރެވިފައިވާ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.