ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު "ބަދުއަޚުލާގީ އަމަލު ހިންގާ" ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ އެޑްވައިޒަރު ސ. ފޭދޫ ޕިންކް ހައުސް އަހްމަދު ފާއިޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުން މިއަދު އެގޮތަށް ހުކުމް ކުރީ ފާއިޒުގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް 15 ދުވަހަށް އިތުރުކޮށްފައި ވާތީ އެ މައްސަލަ އޭނާ އެ ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފާއިޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކާއި އިތުރު ބައެއް ފަރާތްތަކުގެ އޮރިޔާން ވީޑިއޯއެއް ބޭނުންކޮށްގެން އެފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފާއިޒުގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ފާއިޒު ޝާމިލްވާ ކަމަށް ބުނާ މައްސަލަ އަކީ ފުޅާދާއިރާއެއްގައި ތަހުގީގު ކުރަން ޖެހޭ މައްސަލައަކަށް ވާތީ މިހާރު ވެސް އެ މައްސަލައިގެ ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ފާއިޒުގެ އަމަލު ހިންގާފައި ވަނީ ދައުލަތުގެ އިސް މަގާމެއްގައި ހުރެ ކަމަށް ވާތީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާ ހަވާލާދީ އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ވެސް ބަންދުގެ މުއްދަތު އިތުރު ކުރި ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފާއިޒުގެ މައްޗަށް އޮރިޔާން ވީޑިއޯ ގެންގުޅުމުގެ ތުހުމަތު ކުރެވޭ ވަރަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ފާއިޒުއާ ދެކޮޅަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު ފާއިޒު ވިއްކަން އުޅުނުކަމަށް ބުނާ ބަރަހަނާ ވީޑިއޯތަކެއް ހުރުމުގެ އިތުރުން އެ ވީޑިއޯތަކަކީ އޭނާ ގެންގުޅުނު ވީޑިއޯތަކެއް ކަމާއި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ވީޑިއޯތައް ވިއްކަން މަސައްކަތް ކޮށްފައިވާ ކަން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފާއިޒުގެ ކުށުގެ ރެކޯޑަށް ބަލާއިރު އެކި ބާވަތުގެ ކުށްތައް އޭނާގެ މައްޗަށް ސާބިތުވެފައިވާކަން އެނގޭ ކަމާއި އޭގެތެރޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ވެސް ހިމެނޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފާއިޒުގެ ފަރާތުން ސާފުކުރަންޖެހޭ ބައެއްކަން ކަން ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައިވާ ކަމަށާއި ފާއިޒު ވިދާޅުވެފައިވާ ފަދައިން އެ މައްސަލައާ ގުޅުން ހުރި އެހެން މީހުން ހައްޔަރުކޮށްފައި ނުވުމަކީ ފާއިޒުގެ ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.