އާސެނަލްއިން ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒް ހޯދަން 40 މިލިޔަން ޕައުންޑަށް ޓްރާންސްފާ ފީ ބޮޑުކޮށް ހުށަހެޅުމުންވެސް ލިވަޕޫލުން އުރުގުއޭ ފޯވާޑް ވިއްކައި ނުލާނޭ ކަމަށް ބުނެފި އެވެ.

މީގެ ކުރިން ސުއަރޭޒެ ގެންނަން، އާސެނަލްއިން، 30 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ހުށަހެޅުމުންވެސް ލިވަޕޫލުން ވަނީ އެއަށް ނޫނެކޭ ބުނެފަ އެވެ. އާސެނަލްއިން މިފަހަރު ހުށަހެޅި ބިޑް ފަރުމާކޮށްފައިވަނީ، ލިވަޕޫލާއި ސުއަރޭޒާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ "ބައިއައުޓް" ކްލޯސްގައިވާ އަގަށްވުރެ އެއް ޕައުންޑު އިތުރަށެވެ. އެއީ 40000001 ޕައުންޑެވެ.

ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް މިދިޔަ ހަފްތާގައި ބުނެފައިވަނީ، އޭނާ ގަބޫލު ކުރާ ގޮތުގައި ސުއަރޭޒްގެ ޓްރާންފާ ފީ، ޕީއެސްޖީއިން އެޑިން ކަވާނީ ގަތުމަށް ހޭދަކުރި 55 މިލިޔަން ޕައުންޑުގެ ފީއަށްވުރެ ކުޑަވެގެން ނުވާނެ ކަމަށެވެ.

އާސެނަލްއިން ސުއަރޭޒް ހޯދުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާއިރު ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ސުއަރޭޒް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

ހޮލެންޑުގެ އަޔެކްސްއިން 2011 ވަނަ އަހަރު 22.7 މިލިޔަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ހުނަރުވެރި ފޯވަޑް އެކްލަބަށް މިދިޔަސީޒަންގައި ކުޅުނު 44 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ. އަދި އޭނާ ލިވަޕޫލަށް މިހާތަނަށް ކުޅުނު 96 މެޗުގައި ޖުމުލަ 51 ލަނޑު ކާމިޔާބުކޮށްފައިވާ އިރު އުރުގުއޭ ޓީމަށް އޭނާ ކުޅުނު 62 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައިވެ އެވެ.

ކޮންފެޑެރޭޝަންސް ކަޕްގައި ކުޅުމަށް ޗުއްޓީގައި ހުރުމަށްފަހު، ސުއަރޭޒް މިހާރުވަނީ، ލިވަޕޫލް އޮސްޓްރޭލިޔާއަށް މިހާރު ކުރަމުން ގެންދާ ޕްރިސީޒަން ޓުއާގައި ބައިވެރި ވެފަ އެވެ.