ނިއުދިއްލީ (ޖުލައި 24): އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑްން، އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ އިސްވެރިންނާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.

މިގޮތުން ފާއިތުވެދިޔަ ދެދުވަހުގެ ތެރޭގައި ބައިޑްން ވަނީ އިންޑިޔާގެ ނައިބު ރައީސް މުޙައްމަދު ޙާމިދު އަންޞާރީއާއި ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ބައްދަލުކުރައްވާފަ އެވެ. މިއަދުގެ ވަގުތެއްގައި އޭނާ އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ އާއި އިންޑިޔާގެ ޕާލަމެންޓްގެ ރައީސާ މީރާ ކުމާރުއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ޚަބަރުލިބެ އެވެ. މީގެއިތުރުން އިންޑިޔާގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޒަޢީމާ ސޯނިޔާ ގާންދީއާ ބައްދަލުކުރެއްވުން ވެސް ބައިޑްންގެ އެޖެންޑާގައި ހިމެނޭ ކަމަށް ޚަބަރުލިބެ އެވެ.

ބައިޑްން އިންޑިޔާގެ އިސް ވެރިންނާ ކުރައްވާ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާނީ ދެ ގައުމުގެ މެދުގައި ސިޔާސީ، އިޤްތިސާދީ، ޢަސްކަރީއަދި ޓެކްނޮލޮޖީގެ ރޮނގުން ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ކަމަށް ޚަބަރުލިބެ އެވެ. ނަމަވެސް އެމެރިކާ އަފްޣާނިސްތާނުން ފައިބަމުންދާތީ އަފްޣާން މަސްރަޙަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކާއި އެކަމުގެ ސަބަބުން އިންޑިޔާ އަށާއި ދެކުނު އޭޝިޔާ ސަރަޙައްދަށް ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން ވެސް ބައިޑްންގެ ދަތުރުފުޅުގައި އިންޑިޔާގެ މަސްއޫލުވެރިންނާ މަޝްވަރާކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.(ރޮއިޓާސް)