ބަޣްދާދު (ޖުލައި 24): ޢިރާޤުގެ ބޮޑު ދެ ޖަލު ކަމަށްވާ އަބޫޣުރައިބު ޖަލާއި އައްތާޖީ ޖަލަށް ޙަމަލާދީ ގިނަ ކުށްވެރިންތަކެއް ފިލުމުގެ ފުރްސަތު ހޯދައިދިން ކަމުގެ ޒިންމާ އަލްޤާޢިދާ ޖަމާއަތުން އުފުލައިފި އެވެ.

އިރާޤުގައި ޙަރަކާތްތެރިވާ އަލްޤާއިދާގެ ގޮފި "އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް" އިން ބުނީއަބޫޣުރައިބު ޖަލާއި އައްތާޖީ ޖަލަށް ޙަމަލާދިނީ އެޖަމާއަތުގެ ހަނގުރާމަވެރިން ކަމަށާ ހަނގުރާމަވެރިންގެ ޙަމަލާތަކުގައި އެދެ ޖަލުގައި ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިންގެ ތެރެއިން 500 އަށް ވުރެ ގިނަ އަލްގާޢިދާގެ ހަނގުރާމަވެރިން ފިލާފައިވާ ކަމުގަ އެވެ.
ޢިރާޤު ސަރުކާރުން ވަނީ ބަޣްދާދުގައި ހުންނަ އަބޫޣުރައިބު ޖަލުން ފިލައިގެންދިޔަ އަލްގާއިދާގެ ހަނގުރާމަވެރިންނަކީ ނުރައްކާތެރި ހަނގުރާމަވެރިން ކަމަށާއި އައްތާޖީ ޖަލުން ވެސް ގިނަ އަދަދެއްގެ ކުށްވެރިން ފިލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ޢިރާޤުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ މިދެޖަލު ބަލަހައްޓާ ގާޑުން އަލްޤާއިދާގެ މި ހަމަލާތަކަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މިދެޖަލުން ފިލާފައިވާ ހަނގުރާމަވެރިންގެ ސަބަބުން ޢިރާގަށާއި މުޅި ސަރަހައްދަށް ވެސް ނުރައްކާވާނެ ކަމަށް ޢިރާޤުން ބުނެ އެވެ. އަބޫޣުރައިބު ޖަލަކީ 2004 ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤުގެ ގައދީންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި މަޝްހޫރު ޖަލެވެ. އެޖަލަށް ހަނގުރާމަވެރިން ޙަމަލާދީފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ރިޕޯޓްތައް ބުނާގޮތުން އަބޫޣުރައިބު ޖަލުގައިވާ އަލްޤާޢިދާގެ އެންމެ ނުރައްކާތެރި ހަނގުރާމަވެރިންގެ ބަޔަކު ވެސް ވަނީ ފިލާފަ އެވެ. އަބޫޣުރައިބު ޖަލަށާއި ބަޣްދާދުގެ އައްތާޖީ ޖަލަށް ޙަމަލާދީގެން އެދެތަނުން ކުށްވެރިން މިނިވަންކުރުމަށް ރާވަމުން ގެންދާތާ އެތައް މަހެއް ވެއްޖެ ކަމަށް އިރާޤުގައި ޙަރަކާތްތެރިވާ އަލްޤާއިދާގެ ގޮފި ކަމަށްވާ "އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޢިރާޤުގެ ދާޚިލީ ވުޒާރާ އިން ވަނީ އަބޫޣުރައިބު ޖަލާއި އައްތާޖީ ޖަލަށް އަލްޤާއިދާގެ ހަނގުރާމަވެރިންނަށް ޙަމަލާދެވުނު ގޮތް ބަލައި ތަޙްޤީޤް ކުރަމުން ގެންދާކަމަށް ބުނެފައެވެ. (އަލްޖަޒީރާ)