ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫ ސްކޫލްގެ ގުރުއާން ޓީޗަރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ކަނޑުހުޅުދޫ ސްކޫލްގެ ގުރުއާން ޓީޗަރު ކަމަށްވާ އެރަށު އަސްރުމާގޭ ޒަރީރު ފާރޫގު 40، ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:30 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިކަމާބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ޑިންގީއެއްގެ އައުޓުބޯޑު އިންޖީނެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި 40 އަހަރުގެ މީހަކު ހައްޔަރު ކުރުމަށް ފަހު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ބެލެވިގެން ކުޑަކަމުދާތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ސަންއަށް މައުލޫމާތު ދެއްވި ކަނޑުހުޅުދޫ ކައުންސިލް މެންބަރު ވިދާޅުވީ ގުރުއާން ޓީޗަރު ޒަރީރު ފާރޫގުގެ އަމަލުތައް ހުންނަގޮތުން އޭނާއާ މެދު ހިތްހަމަނުޖެހިގެން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު މި ހަފްތާގެ ތެރޭގައި ސްކޫލް ބަންދުކުރުމަށް ފަހު ސްކޫލް ކައިރީގައި އިހްތިޖާޖު ވެސް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ކުރި އިހްތިޖާޖު ހުއްޓާލާފައި ވަނީ އޭނާ އާ މެދު ފިޔަވަޅު އެޅުމަށް ތިން ދުވަހުގެ މުހުލަތެއް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް ފަހު ކަމަށެވެ.

ފުލުހުންގެ ބަންދުން ދޫކުރުމުން އޭނާ އެނބުރި ވަޒީފާއަށް ނުކުންނަވާ ނަމަ ފުޅާދާއިރާއެއްގައި ރަށުގައި އިހްތިޖާޖު ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނިންމާފައިވާ ކަމަށް ވެސް ސަން އަށް މައުލޫމާތު ދެއްވި ކަނޑުހުޅުދޫ ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައުޓުބޯޑު އިންޖީނު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި 40 އަހަރުގެ މީހާގެ އިތުރުން ހަތަރު މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވި ކަނޑުހުޅުދޫ ކައުންސިލް މެމްބަރު ވިދާޅުވީ ޒަރީރު ފާރޫގުގެ އިތުރުން އައުޓުބޮޑު އިންޖީނު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެރަށު އުތުރުގޭ އަޒުހަރު އިސްމާއީލް އާއި ހަމައެރަށު ސެމީހައުސް ޝިފާޒު އަހްމަދުގެ އިތުރުން ގދ. ގައްދޫ އަށް ނިސްބަތްވާ ނަބީލް އަދި ރަމީޒު ކިޔާ ދެ މީހެއް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.