24 Jul 2013, 01:27
ސޯސަންމަގުގެ ސީޕީ ފޯނު ފިހާރަ ކައިރީ މަގުގެ އެއްފަރާތުގައި ހުރި ގިނަ އަދަދެއްގެ ކުނިތަކެއް މަގު މެދަށް މިރޭ ބަޔަކު ފަތުރާލައިފި އެވެ.
ސަންއާ ވާހަކަދައްކަވަމުން ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 11:45 އެހައިކަންހާއިރު ކަމަށާއި މިހާރު މާލޭ ސިޓީ ކައުންސިލަށް އެކަން އަންގާފައިވާ ކަމަށެވެ.
"މިރޭ 11:45 އެހައިކަންހާއިރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެކަން ރިޕޯޓުކޮށްފައި ވަނީ. މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އެކަން ކަމާބެހޭ ފާރާތަށް އަންގާފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަންގެ ނޫސްވެރިން މިރޭ އެ ސަރަހައްދަށް ދިޔައިރު ގިނަ އަދަދެއްގެ އާންމުން އެސަރަހައްދަށް އެއްވެފައި ތިއްބެވެ. އަދި އެ ސަރަހައްދުން ވަރަށް ބޮޑަށް ކުނި ވަސްދުވަ އެވެ. ކުނިއެޅުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވާ މީހުންނަށް ވެސް ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ.
އެ ސަރަހައްދުގެ ފިރާއެއްގެ ސޭޓަކު ބުނީ މަގުމައްޗަށް ފަތުރާލާފައިވާ ކުނިތަކަކީ ތަފާތު އެކި ދުވަސްމަތިން އެތަނުގައި ހުރި ގަހެއްގެ ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް ކަމަށެވެ.
އޭނާ ބުނީ އެ ސަރަހައްދުގައި އުޅޭ މީހުން ކޮންމެ ދުވަހަކު އެ ގަސް ކައިރިއަށް ކުނިއަޅަމުންގެންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ.
އެތަނަށް ކުނިއެޅުމުގެ ސަބަބުން މުޅި ސަރަހައްދުގައި ހިފާފައިވާ ކުނި ވަސް ފިހާރަތެރެއަށް ވެސް ދުވާތީ ވިޔަފާރި ކުރަން އަންނަ މީހުން ވެސް އެ ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ފިހާރަ ތެރޭގައި ކެތެއް ނުކުރެވޭ ދުވާ ކުނިވަހުން. މި ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮންމެ ދުވަހަކު މިތާ މިހިރަ ގަސް ކައިރިއަށް ކުނިއަޅާނެ. ގަސް ކައިރީގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައިވާތީ މި ސަރަހައްދުގައި އުޅޭ ބަޔަކު މިރޭގެ ވަގުތެއްގައި މުޅި މަގުމައްޗަށް ކުނިތައް ފަތުރާލީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ރިޕޯޓު ކުރުމުން ވެހިކަލް ހަލާކުވެފައިވާތީ ކަމަށް ބުނެ ކުނި ނެގެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
މިކަމާބެހޭގޮން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.