09 Nov 2010, 05:56
ހެއްކެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހިމަނައި 200 މިލިޔަން ރުފިޔާ ހޯދަން މީހަކު ދިވެހި ދައުލަތުގެ މައްޗަށް ދައުވާއެއް ހުށަހަޅައިފި އެވެ.
ފ. ދަރަނބޫދޫ ކޯޓަށް މި މައްސަލަ ވައްދާފައިނީ ސ. މަރަދޫފޭދޫ ގްރީން ގްރާސް، މުހައްމަދު ޒާހިރު އެވެ. އޭނާއަކީ ދަރަނބޫދޫ ސްކޫލްގެ ޕްރިންސިޕަލެވެ.
އުމުރުން 56 އަހަރުގެ ޒާހިރުގެ ދައުވާއަކީ ގދ. ތިނަދޫން 1962 ވަނަ އަހަރު މީހުން ބޭލި ހާދިސާގައި އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ ޝަރީއަތުން ނަގައިދިނުމަށް އެދި ކުރާ ދައުވާއެކެވެ.
މި ދައުވާ ސާބިތު ކުރުމަށް ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދާއި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ނަން ވެސް ދައުވާ ފޯމުގައި ހިމަނާފައި ވެއެވެ.
ދަރަނބޫދޫ ކޯޓުން މިއަދު ބުނީ އެ މައްސަލައިގެ ފޯމް ޒާހިރު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި މައްސަލަ ބަލައިގަތް ކަން ނުވަތަ ނޫންކަން ކޯޓުން ޒާހިރަށް އަންގާފައި ނުވާނެ ކަމަށެވެ.
ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކުގެ އިހުތިސޯސް އޮންނަ ގޮތުން މަދަނީ މައްސަލަތަކުގައި 100000ރ. އިން މަތީގެ މައްސަލަތަކެއް ނުހިންގެ އެވެ.
ޒާހިރުގެ ދައުވާ ފޯމް ދަރަނބޫދޫ ކޯޓަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 2، 2010 ގަ އެވެ.
ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒާހިރުގެ ދައުވާގައި ބުނަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު ގދ. ތިނަދޫ ފަޅުކުރުމާއި އެ ރަށު ރައްޔިތުންނަށް ދިން އަނިޔާތަކަކުގެ ތެރޭގައި އެނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 15.6 މިލިއަން ޑޮލަރު) ދައުލަތުގެ ފަރާތުން ހޯދާށާއި އޭނާގެ ބައްޕަގެ ގެ އަޅާފައިވާ ގޯތި އަލުން ލިބިގަތުމަށެވެ. "... އަޅުގަނޑުގެ ކާފަ މޫސާ ހިރިހަމާތި ކަލޭގެފާނަކީ އޭރު ދިވެހި ރާއްޖޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. އަޅުގަނޑުގެ ބައްޕަ އަބްދުލް މުޢުނީ (ހިރިހަމާތި ކަލޭގެފާނުގެ ތުއްތު) އަކީ ރާއްޖޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބައްޕަ ދުނިޔެ ދޫކުރިއިރު ހުރި ބޮޑު ގެ ދިވެހި ސަރުކާރުން ތަޅައި ތިރިކޮށް، ބައްޕަގެ ހުރިހާ މުދާތަކެއް ގެންދިޔައީ އެވެ. އަދި ބައްޕަ މަހަށް ދުއްވާ ދެ ބައްތެލިވެސް ދިވެހި ސަރުކާރުގެ ސިފައިން އަންދާލި އެވެ."
ޒާހިރުގެ ދައުވާގައި އިތުރަށް ބުނަނީ، ތިނަދޫ ފަޅުކުރި ހާދިސާ ހިނގިއިރު، އޭނާގެ އުމުރަކީ ނުވަ އަހަރު ކަމަށާއި އޭރު ތިނަދޫއަށް އެއް ހަފު ތާއަށްވުރެ ގިނަ މުއްދަތަކަށް ބަޑި ޖަހަމުންގެންދިޔަ ކަމަށާއި ބަޑީގެ އަޑު އެއްގޮތަކަށް ވެސް ނުކެނޑޭ ކަމަށެވެ. އަދި އެންމެފަހުން އޭރުގެ ސަރުކާރުގެ ދާޚިލީ ވަޒީރު އިބްރާހިމް ނާސިރާއި ސިފައިން 1962 ވަނަ އަހަރުގެ ފެބްރުއަރީ ދެ ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ތިނަދޫއަށް ފައިބާ ތަންތާގައި ރޯކޮށް ހުޅުޖަހަން ފެށި ކަމަށެވެ. އަދި ސަރުކާރުގެ ސިފައިން، "ތިމަންނާމެން ބޭނުމީ ހަވަރުތިނަދޫ ފަސްގަނޑޭ، މީހުން ބޭނުންމެއް ނޫނޭ" ގޮވަމުން ދިޔަކަމަށާއި ފުރާނަ ބޭނުން މީހެއް ނަމަ ރަށުން ފައިބަން އިއުލާން ކުރަމުންދިޔަ ކަމަށެވެ. ބައެއް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުރުސަތު ނުލިބޭ ކަމަށް ވެސް ޒާހިރު ބުނެފައި ވެއެވެ.
ޒާހިރު ބުނީ ރައީސް ނަޝީދު ނަންފުޅު ހެއްކެތްގެ ގޮތުގައި ހިމެނީ އެ މަނިކުފާނަކީ ތާރީޚު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އެކިފަހަރުމަތިން އެމަނިކުފާނު ވިދާޅުވާ ބޭފުޅަކަށްވާތީ އެ ހާދިސާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ ކަމަށެވެ.
"އަބަދު އެބޭފުޅާ (ރައީސް ނަޝީދު) ވާހަކަފުޅު ދައްކަވަމުން ވިދާޅުވޭ ތިމަންމަނިކުފާނަކީ ދިވެހިރާއްޖޭގެ ތާރީޚު ވަރަށް ރަގަޅަށް ދިރާސާކުރައްވައިގެން ހުންނެވި ބޭފުޅެކޭ" ޒާހިރު ބުންޏެވެ.
އޭނާ ބުނީ، ތިނަދޫ ފަޅުކުރި ހާދިސާ ހިނގާފައިވަނީ ދުރު ނޫން މާޒީއެއްގައި ކަމަށާއި ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް އެކަން ރަގަޅަށް އެނގޭނެ ކަމަށެވެ. އެހެންކަމުން އެއީ ހިނގި ކަމަކަށް ވަންޏާ ބަދަލު ވެސް ލިބެން ޖެހޭނެ ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓްތަކުގެ އިހުތިސޯސް އޮންނަ ގޮތުން 100000ރ. އިން މަތީ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައެއް ދަރަނބޫދޫ ކޯޓުގައި ބެލޭނެތޯ ސުވާލު ކުރުމުން ޒާހިރު ބުނީ މި ދައުވާ ކުރުމަށް ފާއިތުވި ހަ އަހަރު ތެރޭ ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށާއި
ދަރަނަބޫދޫ ކޯޓުގެ އިހުތިސޯސްގައި ނުހިމެނިގެން މައްސަލަ ބަލައި ނުގަންނަމަވެސް މަދަނީ ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.
ތިނަދޫ ފަޅުކުރި ހާދިސާއަށް 48 އަހަރު ފުރުން ފާހަގަކޮށް، އެކަމުގެ ހިތި ހަނދާން އާ ކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައި ބޭއްވި ޖަލްސާގައި، އެ ހާދިސާ އާއި ތިނަދޫ ރައްޔިތުންނަށް ދިން އަނިޔާތައް ބަލައިދިނުމަށް އެދި ސަރުކާރަށް ހުށަހަޅުމަށް ޕެޓިޝަނެއްގައި ސޮއިކޮށްފައިވެ އެވެ. އެ ޕެޓިޝަންގައި އެރޭ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ސޮއިކުރެއްވި އެވެ. ތިނަދޫ ފަޅުކުރުމާއި އެއަށް ފަހު ތިނަދޫ ރައްޔިތުންނަށް ދިން އަނިޔާތަކަކީ މިއަދު ހިންގި ކަމެއް ނަމަ އެއީ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅަންޖެހޭ ވަރުގެ ބޮޑު ޖަރީމާއެއް ކަމަށް ވެސް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފަ އެވެ.