24 Jul 2013, 00:28
ދެމަފިރިން އެކުގައި މުދާ ހޯދައިފައި ވަނިކޮށް ކައިވެނި ރޫޅިއްޖެ ނަމަ އެ މުދަލުގައި ދެ ފަރާތުން ބައިވެރިވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާރަރު ކަނޑައެޅުމުގެ އުސޫލެއް ޕީޕީއެމްގެ ސަރުކާރެއްގައި ގާއިމުކޮށްދޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ގެންގުޅޭނެ އަންހެނުންގެ ސިޔާސަތު އެކުލަވާލަށް ޓަކައި މި ރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި މަޝްވަރާ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކައިވެނިކޮށްގެން އުޅުނު އިރު ދެމަފިރިން ހޯދާފައިވާ މުދާ ދެމެފިރިން ވަކިވުމަށް ފަހު ވެސް އެމީހަކަށް ހައްގުވާ އިބައި ހޯދައިދިނުމަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެމެފިރިން އެކުގައި ހޯދާ މުދަލާ މެދު ކައިވެނި ރޫޅުމަށް ފަހު އަމަލުކުރާނެ ގޮތެއް އެއްވެސް މިންވަރަކަށް ރާއްޖޭގެ ގާނޫނުގައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން މުސްލިމް ގައުމުތަކުގައި ވެސް އޮންނަ އުސޫލުން ކައިވެނި ރޫޅުމަށް ފަހު މުދާ ބެހޭނެ އުސޫލު ކަނޑައެޅުމަށް ބޭނުންވާ އިސްލާހުގެ ޑްރާފްޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
"މި މާއްދާ މިހާރު ހުށަހަޅާ ގޮތަށް ބަލާކަމުގައިވާ ނަމަ ދެމެފިރިން ކުރެ ކޮންމެ މީހަކަށް ވެސް، ދެމެފިރިން އެކުގައި އުޅުނު އިރު މުދާ ހޯދާފައިވާ ގޮތަށް ބަލާފައި ޝަރީއަތުން ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް އަޅުގަނޑުމެން އެބަހުށަހަޅަން. އެއް ކަމަކަށް މި ހުށަހަޅަނީ ކާކުގެ މަސައްކަތަކުން ކިހާ މިންވަރަކަށް ހިއްސާ ކޮށްގެންތޯ އެ މުދާ ހޯދާފައި ވަނީ ބެލުމަށް ފަހު ޝަރީއަތުން ގޮތެއް ނިންމުން،" ޖަމީލް ވިދާޅުވި އެވެ.
އަދި އެހެންމެ އެ އިސްލާހުގެ ތެރޭގައި ދެމެފިރިން ހިއްސާވާ ދަރަންޏެއް ދެމަފިރިން ވަކިވުމަށް ފަހު ވެސް ދެ މީހުން ދައްކަން ޖެހޭ ދަރަންޏެއްވާ ނަމަ ދެ މީހުން ހިއްސާވާ މުދަލުން އެ ދައްކަން ޖެހޭ ގޮތަށް ކަނޑައެޅުން ހިމެނޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އޭގެ އިތުރުން ދެމެފިރިންގެ ތެރެއިން އެކަކު ހިއްސާވެގެން ހޯދާފައިވާ މުދާ ވެސް ދަރިން ބެލުމާއި ދަރިންނަށް ކުރަން ޖެހޭ ހަރަދުތަކަށް ބެލުމަށް ފަހު މުދާ ބެހޭނެ ގޮތަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ގޮތަށް މުދާ ބަހާ އިރު މުދާ ހޯދުމުގައި ހިއްސާވި ފަރާތަށް ވުރެ މުދާ ހޯދުމުގައި ހިއްސާ ނުވާ ފަރާތަށް ލިބިގެންދާނެ މިންވަރު މަދުވާނެކަން ޖަމީލް ފާހަގަކުރެއްވެވި އެވެ.
މިރޭ ބޭއްވި ބައްދަލުވުގައި އަންހެނުންގެ ސިޔާސަތުގައި ހިމެނޭ މައިގަނޑު ބައިތަކާ މެދު އެ ޕާޓީގެ އިސް ބޭފުޅުން ހިމެނިގެން އާންމު މެންބަރުނާ މެދު ހިޔާލު ހޯދުން ކުރިއަށް ގެންގޮސްފައިވެ އެވެ.