ޤާހިރާ (ޖުލައި 23) : މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ ވަގަށް ނެގި މައްސަލާގައި މިސްރުގެ ސިފައިންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދައުވާ އުފުލާނެ ކަމަށް މުރުސީގެ ދަރިކަލުން އުސާމާ މުހައްމަދު މުރުސީ ވިދާޅުވެއްޖެވެ.

އުސާމާ ވިދާޅުވީ އޭނާގެ ބައްޕަ ޑރ. މުޙައްމަދު މުރުސީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިސްރުގެ ސިފައިންނާ އަދި ޚާއްސަކޮށް ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީގެ މައްޗަށް މިސްރުގެ ކޯޓުތަކަށް ވެސް ދަޢުވާ އުފުލުމަށް އެ އާއިލާގެ ޤާނޫނީ ޓީމުން ތައްޔާރުވަމުންދާ ކަމުގަ އެވެ. އުސާމާ ވިދާޅުވީ އެއްވެސް ސަބަބެއް ނެތި މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ޝަރީޢަތާ ޚިލާފުވުމުގެ އިތުރުން ބައިނަލްއަޤްވާމީ އިންސާނީ ހަޢްޤުތަކުގެ މިންގަނޑުތަކާ ޑިމޮކްރަސީގެ އުސޫލުތަކާ އަދި މިސްރުގެ ޤާނޫނާ ވެސް ޚިލާފު ކަމެއްކަމަށް ވާތީ މުރުސީ ހައްޔަރު ކުރުމުގެ ފަހަތުގައިވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމުގެ ފުރްސަތު އެބައޮތްކަމުގަ އެވެ.

މިސްރުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވަނިކޮށް ޑރ. މުރުސީ ހައްޔަރުކޮށް ނިޒާމުގެ ތެރެއިން ގެއްލުވަލާފައިމިވަނީ މިމަހުގެ 3 ވަނަ ދުވަހު ޖެނެރަލް އަބްދުލްފައްތާޙް އިސްކޮށް ހުންނަވައިގެން މިސްރުގެ ސިފައިން މުރުސީގެ ވެރިކަމާ ދެކޮޅަށް އަސްކަރީ އިންޤިލާބެއް ގެނަސް މުރުސީ މަޤާމުން ދުރުކުރުމަށްފަހުގައެވެ. ޢަސްކަރީ އިންޤިލާބަށްފަހު މިސްރުގެ ސިފައިން ޑރ. މުރުސީ ހައްޔަރު ކޮށްފައިވާ ތަނެއްވަނީ ނޭންގުމެއްގެ ތެރޭގައެވެ. ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުން ބުނަނީ މުރުސީ ހުންނެވީ ހައްޔަރުކޮށްފައި ނޫންކަމަށާ މުރުސީ ރައްކާތެރި ތަނެއްގައި ބެހެއްޓިފައިވަނީ އޭނާއަށް ޙިމާޔަތް ދިނުމުގެ ގޮތުން ކަމުގައެވެ. އަދި މުރުސީގެ މައްޗަށް އެއްވެސް ކުށެއްގެ ތުހުމަތުކޮށްފައިނުވާ ކަމަށާ އޭނާ ކުށްވެރިވެސް ނުވާކަމަށް މިސްރުގެ ވަގުތީ ސަރުކާރުން ބުނެފައިވެއެވެ.

މުރުސީ މިނިވަން ކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި ވިލާތުގެ އިއްތިޙާދުންނާ އަދި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުން ގެންދިޔަނަމަވެސް މިސްރުގެ ވަގުތީ ސަރުކާރުން މިކަމަށް އިޖާބަ ދީފައެއްނުވެއެވެ. އަނެއްކޮޅުން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަދުވެސް 12 މީހަކު މަރުވެ 66 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހަމަނުޖެހުންތައް ހިނގާފައިވަނީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ފަރާތްތަކާ ދެމެދުގައެވެ. (އަލްޖަޒީރާ)