އިނގިރޭސި ވިލާތުގެ "ޓްރިޕްއެޑަވައިޒާ"އިން މަތީފެންވަރުގެ ވިޔަފާރީގެ ހިދުމަތްދޭ ފަރާތްތަކަށްދޭ ހާއްސަ އެވޯޑެއް ކަމަށްވާ، "ދަ ސެޓްފިކެޓް އޮފް އެކްސެލެންސް 2013" ދ. މީދުއްފުށީގައި ހިންގާ ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓަށް ލިބިއްޖެ އެވެ.

ޓްރިޕްއެޑްވައިޒާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ހޮޓާތަކާއި ރިސޯޓް، ފްލައިޓް، ހޮލިޑޭ ރެންޓަލްސް، ހޮކިޑޭ ޕެކޭޖަސް އަދި ޓްރެވަލް ގައިޑް ފަދަ ކަންތައްކާ ބެހޭ ގޮތުން ރިވިއު ލިޔުމާއި އަދި އެކި ތަންތަނަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މަންޒިލް އިހްތިޔާރު ކުރުމުގައި ލަފާދޭ ކުންފުންޏެކެވެ.

ޓްރިޕްއެޑްވައިޒާ އިން ބުނެފައި ވަނީ، އެކި މަންޒިލްތަކަށް ދަތުރުކުރާ، ދަތުރުވެރިންނާއި ފަތުރުވެރިންގެ ފީޑްބެކަށް ބަލާއިރު ގާތްގަނޑަކަށް 75 އިންސައްތަ މީހުން އެ މަންޒިލްތަކަށް ދަތުރު ކުރަނީ ޓްރިޕްއެޑްވައިޒާ އިން އެންޑޯޒްކުރާ ތަންތަނަށް ކަމަށެވެ.

ވިލުރީފަށް ލިބުނު އެވޯޑާ ގުޅިގެން ޓްރިޕްއެޑްވައިޒާގެ ޕްރެޒިޑެންޓް އަދި ސީއީއޯ ސްޓެފަން ކައުފާ ވިދާޅުވެފައި ވަނީ، ދަތުރުވެރިންނާއި ފަތުރުވެރިންގެ ރިވިއުތަކަކީ ބާރުގަދަ އެއްޗެއް ކަމަށާއި އަދި ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓަށް ލިބުނު އެވޯޑަކީ ވޭތުވެ ދިޔަ އަހަރު އެ ރިސޯޓާ ބެހޭ ގޮތުން އެފަރާތްތަކުން ދީފައިވާ ފީޑްބެކަށް ބަލާފައި ދިން އެވޯޑެއް ކަމަށެވެ.

ދަ ސެޓްފިކެޓް އޮފް އެކްސެލެންސް ދެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ވިޔަފާރިތަކާ ބެހޭ ގޮތުން އެތަންތަނަށް ޒިޔާރަތްކުރާ ދަތުރުވެރިންނާއި ފަތުރުވެރިންގެ ފަރާތުން ލިބޭ 10 އިންސައްތަ ފީޑްބެކަށް ބަލައިގެންނެވެ.

ވިލުރީފު ރިސޯޓަކީ ސަން އިންވެސްޓްމަންޓުން ހިންގާ ރިސޯޓެކެވެ.