އިނގިރޭސި ވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އޭޝިއާއަށް މިހާރު ކުރަމުންގެންދާ ޕްރިސީޒަން ޓުއާގައި 3-2ން ޖަޕާނުގެ ޔޮކޮހަމާ އެފް- މެރިނޯސް އަތުން ބަލިވެއްޖެ އެވެ.

ޔުނައިޓެޑް 2008 ވަނަ އަހަރު، ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ދަނޑުގައި އެ ކްލަބަށް ރަނގަޅު ކުޅުމެއް ނުދެއްކި، ބަލިވެފައިވާއިރު މިއީ ޕްރިސީޒަން ޓުއާގައި އެ ކްލަބް ކުޅުނު ތިންމެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.

ޑޭވިޑް މޮއެސްގެ ކޯޗުކަމުގައި ޔުނަޓެޑް ކުޅުނު ފުރަތަމަ މެޗުން ބެންކޮކްގެ ސިންގާ އޯލް ސްޓާސް އަތުން ބަލިވީ 1-0ން ނެވެ. އެހެން ނަމަވެސް ސިޑްނީގެ އޭ-ލީގު އޯލްސްޓާސްއާއި ވާދަކުރި މެޗު 5-1ން ކާމިޔާބު ކުރީ ޔުނައިޓެޑެވެ.

ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅުނު ނިސާން ސްޓޭޑިއަމްގައި ޔޮކޮހަމާ ލީޑުނެގީ، މެޗުގެ ފުރަތަމަ މިނިޓުގެ 40 ވަނަ ސިކުންތުގައި ޔޮކޮހަމާގެ ބްރެޒިލް ވެޓަރަންސް ތަރި މާކުއިނޯސް ޖަހައިދިން ލަނޑުންނެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 19 ވަނަ މިނިޓުގައި ލިންގާޑް އެވެ. އޭގެ 10 މިނިޓުފަހުން ޔުނައިޓެޑަށް މެޗުގެ ކުރިލިބުނީ ޔޮކޮހަމާގެ ކުޅުނެތެރިއެގެ ގައިގައި ޖެހިފައި ބައިކޮޅަށް ލަނޑެއް ވަދެގެންނެވެ.

ފުރަތަމަ ހާފުގެ ކުޅުން ފެށިއިރު 2-1 ން ޔުނައިޓެޑް ކުރީގައި އޮތްނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓުގެ ތެރޭގައި ޔޮކޮހަމާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޔޮކޮހަމާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ކޯނަރެއް ޔުނައިޓެޑްގެ ގޯލްއޭރިޔާ ތެރޭގައި ހުރި ފަބިއޯ، ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި ޔޮކޮހަމާ މެޗު ކާމިޔާބުކުރި ލަނޑު މެޗުގެ 88 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފުޖިޓާ އެވެ.

މިއަދުގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ 11ގައި ކުޅުނު ކުޅުންތެރިންގެ ތެރޭގައި، ގޯލް ކީޕަރު ޑެހެއާ، ފަބިއޯ، ޖޯންސް، އެވާންސް، އެވްރާ، ކްލެވަލީ، އެންޑަސަން، ޒަހާ، ޖަނޫޒަޖް، ލިންގާޑް އަދި ވެން ޕާސީ ހިމެނެއެވެ.

ޕްރިސީޒަންގެ ދެވަނަ ބައްޔާއި ޔުނައިޓެޑް މިއަދު ކުރިމަތިލާން ޖެހުނު އިރު އެ ކްލަބުން ބާސެލޯނާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ހޯދުމަށް ދެވަނަފަހަރަށް ބިޑުކުރުމުންވެސް ބާސާއިންވަނީ އެކަމަށް ފާޅުގައި އިންކާރު ކޮށްފަ އެވެ.

ޕްރިސީޒަން ޓުއާގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން، އަންނަ ހުކުރު ދުވަހު ޔުނައިޓެޑް ބައްދަލު ކުރާނީ ޖަޕާނުގެ އޮސާކާގެ ސެރެޒޯ އޮސާކާއާ އެވެ.