"ވާދަވެރި ރަނިންމޭޓަކު" ނުލިބުމުން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމެވި ޑރ. މުހައްމަދު ސައުދު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއިދު ކުރެއްވުމަށް ނިންމަވައިފި އެވެ.

އަދާލަތު ޕާޓީއާއި ގައުމީ ޕާޓީން ޖުމްހޫރީ ޕާޓީއާއެކު ހަދާފައިވާ "ޖުމްހޫރީ ގުޅުމުގެ" ކޯލިޝަނަށް ތާއިދު ކުރެއްވުމަށް ސައުދު ނިންމެވީ އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) އިން އެކަން އޭނާ އަށް އެންޑޯޒް ކުރުމުން ކަމަށް ސައުދު މިއަދު ވިދާޅުވި އެވެ. ސައުދު އާއި އައިޑީޕީން ވަނީ ސިޔާސީ އެއްބަސްވުމެއް ހަދާފަ އެވެ.

ސައުދު ވިދާޅުވީ އޭނާއަށް ތާއިދު ކުރައްވާ ފަރާތްތަކާއި ގިނަ ޒުވާނުން ވެސް އެދެމުން ދަނީ ގާސިމަށް ތާއިދު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުގެ ނިންމުމެއް ނޫން އެއީކީ. އަޅުގަނޑާއެކީގައި މިކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނާއި އަޅުގަނޑަށް ތާއިދު ކުރެއްވި ބޭފުޅުންނާއި އަދި އަޅުގަނޑަށް ސޮއި ދެއްވި ގިނަ ބޭފުޅުންނާއި ރާއްޖޭގައި އަޅުގަނޑާ ގުޅުން ހުރި ވަރަށް ގިނަ ޒުވާނުންގެ ވިސްނުން ހުރި ގޮތަކީ އެއީ. ޖުމްހޫރީ ޕާޓީއަށް ނުވަތަ ޖުމްހޫރީ ކޯލިޝަނަށް ބައިޔަތު ހިފުމަށް ތާއިދު ކުރުމަށް،" ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ހަތަރު "ކޭމްޕު"ގެ ތެރެއިން ގާސިމަށް ތާއިދު ކުރެއްވުމަށް އައިޑީޕީން ނިންމެވީ ރާއްޖޭގެ ގިނަ ބަޔަކު ތާއިދު ކުރަނީ އެމަނިކުފާނަށް ކަމުގައި ވާތީ ކަަމަށެވެ. ގާސިމަަށް ގިނަ ބަޔަކު ތާއިދު ކުރާ ސަބަބުގެ "އެނަލިސިސް"އެއް ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާއަށް ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި އައިޑީޕީއާއެކު ކުދި ދެ ޕާޓީއެއް އޭނާގެ ފަހަތުން ގާސިމަށް ތާއިދު ކުރައްވާނެ ކަމަށެވެ. އެއީ ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް (އެމްއެންސީ) އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް އިއުލާން ކުރެއްވުމާއެކު ދެ އަންހެން ބޭފުޅުނާއި ތިން ފިރިހެން ބޭފުޅުން ގުޅުއްވައި އޭނާގެ ރަނިންމޭޓުކަމަށް އެދުނު ކަމަށް ސައުދު ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް "ވާދަވެރި" ބޭފުޅު އެ ބޭފުޅުންގެ ތެރޭގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިފަދަ ރަނިންމޭޓަކު ނުހޯދުނީ އަޅުގަނޑުގެ ޝަރުތުތައް މިގޮތަށް ބެހެއްޓީމަ. ފުރަތަމަ ކަމަކީ އަޅުގަނޑު ބޭނުންވޭ އަޅުގަނޑަށް ވުރެ މެޗުވާން މި ދާއިރާ އަށް ފަރިތަ ބޭފުޅަކަށް އެ ބޭފުޅަކު ވާން. އަޅުގަނޑުމެންނަށް ނުރައްކާތަކާއި ފިއްތުންތަކާއި މިކަންތައްތަކަށް ބަލާފައި އަޅުގަނޑަށް މަޝްވަރާ ދިން ފަރާތްތަކުން އެދުނީ މިފަހަރު އަޅުގަނޑުގެ އެޕްލިކޭޝަން ޕްރޮސެސް ނުކުރުމަށް،" ޑީއާރްޕީއާއި ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ސައުދު ވިދާޅުވި އެވެ.

ހިއުމަން ރިސޯސަސްގެ ދާއިރާ އިން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ ސައުދު ވަނީ ޑީއާރުޕީގެ ސިޔާސަތުތައް ރާވައި އެކުލަވާލުމުގައި ފަންނީ ގޮތުން އެހީ ހޯދާ އަށް މެންބަރުންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މެންބަރެއްގެ ގޮތުގައި ޕީޕީއެމްގެ އިންތިގާލީ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.