އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ދޮގުހެދުމާއި ދޮގުވާހަކަދެއްކުމާއި ދޮގަށް ޢަމަލު ކުރުން ހުއްޓައިނުލާ މީހާ އެމީހެއްގެ ކެއިންބުއިން ހުއްޓައިލުމަކީ މާތްﷲ އެނާގެ ކިބައިން އެދިވޮޑިގެންވާ ކަމެއްނޫނެވެ." (އަލްބުޚާރީ: ކިތާބުއްޞައުމި)

އާދެ، ރޯދައަކީ ބޭރުފުށުން ބަލާއިރު ކަނޑައެޅިފައިވާ ވަގުތެއްގައި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމެވެ. ނަމަވެސް ރޯދައިގައި ކެއިންބުއިން ހުއްޓައިލުމަކީ ރަމްޒީ ކަމެކެވެ. ރޯދަމަހު ދުވާލު ރޯދަވެރީން މާއްދީ ބައެއް ކަންކަމާއި ބައެއްތަކެތި ދޫކޮށްލައިގެން ތިމާގެ ނަފްސު ތައްޔާރުކުރަނީ އަރަހުށި މާތްﷲ މަނާކުރައްވައިފައިވާ ހުރިހާ ކަންކަމަކާއި ތަކެއްޗެއް ދޫކޮށްލުމަށެވެ. އެތަކެއްޗާއި ކަންކަމުން އެއްކިބާވުމަށެވެ. ކެއިންބުއިމާއި ޝަހްވަތްތައް ދޫކޮށްލުމަކީ ޖިސްމާނީ ރޯދަކަމުގައި ވާނަމަ ނަހީކުރެއްވި އެންމެހައި ކަންތައް ދޫކޮށްލުމަކީ ރޫޙާނީ ރޯދައެވެ. އެހެންކަމުން އެމީހެއްގެ ދިރިއުޅުމުގައި ކެއިންބުއިން ދޫކޮށްލުން އޮވެފައި ނަހީކުރެއްވި ކަންތައް ދޫކޮށްލުމެއް ނެތް މީހެއްގެ ރޯދަޔަކީ މާތްﷲ ގެ ޙަޟުރަތުގައި މަޤްބޫލު ކަމުގެ ދަރަޖަލިބޭ ރޯދައެއް ނޫނެވެ.

ދީނުގައި ދެބާވަތެއްގެ އުނގަންނައިދެއްވުން ތަކެއް އެކުލެވިފައިވެއެވެ. އެއްބާވަތަކީ އެކަންކަން ކުރުމަށް އަމުރުކުރައްވައިފައިވާ ކަންތައްތަކެކެވެ. އަނެއްބާވަތަކީ އެކަންކަން ދޫކޮށްލަން އަމުރުކުރައްވައިފައިވާ ކަންތައްތަކެވެ. ރޯދަޔަކީ މަނާކުރެއްވި ކަންތައް ދޫކޮށްލަން ދެއްވާ ތަރުބިޔަތެއް ފަދަ އަޅުކަމެކެވެ. ރޯދަޔަށް ތިބޭއިރު ވަގުތީގޮތުން ބައެއް ކަންކަމާއި ތަކެތި ދޫކޮށްލުމަށް އަމުރުކުރެއްވުމުގެ ޒަރީޢާއިން ދެއްވާ ފިލާވަޅަކީ ނަހީކުރެއްވިހާ ކަމެއް މުޅިއަހަރުދުވަހު ދޫކޮށްލައިގެން ހުރުމުގެ ފިލާވަޅެވެ. އެކަންކަމުން އެއްކިބާވެގެން މެނުވީ މުއުމިނުންގެ ކިބައިން އެބައިމީހުންގެ ދީން އެދޭ ކަންތައްތައް ފުރިހަމައެއް ނުކުރެވޭނެއެވެ.

އިސްލާމުދީނުގައި މަނާކުރައްވައިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ބަޔާންކުރެވިފައިވާ ޙަދީޘްފުޅުގައި ވާފަދައިން ދޮގުހެދުމާއި ދޮގުވާހަކަދެއްކުމާއި ދޮގަށް އަމަލުކުރުމެވެ. ދޮގު ހެދުމަކީ ޙަޤީޤަތާ ޚިލާފަށް ވާހަކަދެއްކުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދުވާލަށް ރޭގަނޑެކޭ ބުނުމެވެ. ދޮގަށް ޢަމަލުކުރުމަކީ މީހަކު ނުބައިކަމެއް ކޮށްފައި އެކަމަކީ ރަނގަޅުކަމެއް ކަމުގައި ހަދައިގެން ވާހަކަ ދެއްކުމެވެ. ތިމާގެ އަމިއްލަ ޝައުޤުގައި އަމިއްލަ މަޞްލަޙަތަށްޓަކައި ކުރިކަމެއް ޙައްޤަށްޓަކައި ކުރިކަމަކަށް ހަދަންއުޅުމެވެ. ތިމާގެ އަމިއްލަ އެދުމަށްޓަކައި ކުރާ ކަންކަމުގައި ދީނުގެ ލޭބަލް ހަރުކުރުމެވެ. މިގޮތަށް ދޮގުހެދުމާއި، ދޮގަށް އަމަލުކުރުމުގައި އުޅޭ މީހުންގެ ރޯދަޔަކީ މާތްﷲ އެފަދަ ރޯދަޔަށް އެދިވޮޑިގެންވާ ފަދަ ރޯދައެއް ނޫނެވެ. އެކަލާނގެ ޙަޟުރަތުން ޤަބޫލުކުރެއްވުމުގެ ޝަރަފުލިބޭނެ ރޯދައެއް ވެސް ނޫނެވެ.