މިނިސްޓަރު އޮފް ޖެންޑަ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާމާލް އަލީ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅައި ދިނުމަށް މަޖިލީހަށް ފޮނުވައިފި އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގައި ވަނީ މިނިސްޓަރު އޮފް ޖެންޑަ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާމާލް އަލީ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް ފޮނުވާފަ އެވެ.

ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް މަޖިލީހުން ރުހުން ނުލިބުމުން ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވި އައިޝަތު އާޒިމާ ޝުކޫރަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު އެކަމަނާ އަށް ރުހުން ދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައި ވާތީ، އެ މެންބަރުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރައްވާފައިވާ އާމިނަތު ރުކްޝާނާ އިބްރާހީމަށް ރުހުން ދިނުމުގެ މައްސަލަ ވެސް ވަނީ މިނިވަން މުއައްސަސާ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.

ރުކްޝާނާ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ ކުރިން ހަމަ އެމަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ހަމަޖެއްސެވުމަށް، އޭނާގެ ނަން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ. ނަމަވެސް ރުކްޝާނާގެ ނަންފުޅު އެ ކޮމިޝަންގައި ހިމެނުމަށް ނިންމާފައި ވަނީ ރިސްވާންގެ ނަން އަނބުރާ ގެނައުމަށް ފަހު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވައިލުމަށް ފަހު އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ޝަހިންދާ އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރަކުންނެވެ.