23 Jul 2013, 16:31
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ލީކްކޮށްލާފައިވާ ވީޑިއޯގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ އަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރަންސީ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަލީ ހަމީދު ހިލޭ އަންހެނުންތަކަކާ އެކު ބަދުއަހުލާގީ އަމަލްތަކެއް ހިންގަމުން ގެންދާ މަންޒަރުތައް ދައްކުވައިދޭ އެ ވީޑިއޯގެ ސަބަބުން ސުޕްރީމް ކޯޓުގެ ކަރާމާތަށާއި އެކޯޓާ މެދު ރައްޔިތުންގެ އިތުބާރަށް ބުރޫއަރާފައިވާ ކަމަށެވެ.
ދެ އަންހެނަކާ އެކު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަރަހާނާ ހާލުގައި އުޅުއްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވަނީ ވަރަށް ވެސް ހާމަކަން ބޮޑު ގޮތެއްގައި ޝޯސަލް ނެޓްވޯކްތަކުގައި ލީކްކޮށްލައިފަ އެވެ.
ޓްރާންސް ޕޭރަންސީން ސުޕްރީމްކޯޓް ފަދަ ދައުލަތުގެ މުހިންމު މުއައްސަސާއެއްގެ ކަރާމާތްތެރިކަން ދެމެހެއްޓުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ދައުރެއް ހިމެނޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓާއި ކަރާމާތް ރައްޔިތުންނަށް ޔަގީންކޮށްދިނުމަށް ޓަކައި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ މެދު ކުރެވިފައިވާ ތުހުމަތުތަކުގެ ހަގީގަތް ވީހާ ވެސް އަވަހަށް ހޯދައި ރައްޔިތުންނަށް އެކަމުގެ ހަގީގަތް ބަޔާންކޮށްދޭން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކުން ހާމަކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ބަލައި ތަހުގީގުކުރާ ދައުލަތުގެ މުއައްސަސާތަކަކީ ވަކިފަރާތަކަށް ނުޖެހި އަމިއްލަ މަސްލަހަތާއި ސިޔާސީ މަސްލަހަތުތަކުން ބަރީއަވެފައިވާ ދެ ފުށްފެންނަ ސިޔާސަތެއް ގެންގުޅޭ މުއައްސަސާތަކަށްވާން ޖެހޭނެ ކަމަށް ވެސް ޓްރާންޕޭރަންސީން ވަނީ ބުނެފަ އެވެ.
"ގައުމުގެ ނިޒާމްތަކާއި އެ ނިޒާމްތައް ބިނާވެފައިވާ ފަރާތްތަކުގެ ނަޒާހާތްތެރިކަމަށް ޓަކައި އެ ތުހުމަތަކަށް އެކަށޭނެ އަވަސް ހައްލެއް ހޯދައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަކިން ހާއްސަކޮށް ޖުޑިޝަލް ޝާވިސް ކޮމިޝަނަށް ގޮވާލަން،" ޓްރާންޕޭރަންސީގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
އެ ވީޑިއޯތަކުގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމިޓީން އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ހުށަހެޅި ނަމަވެސް، އެކޮމިޝަންގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފަ އެވެ. އެމައްސަލާގައި މައްސަލަ ބަލާ ކޮމިޓީގެ ދެ މެމްބަރަކު އިސްތިއުފާދޭން ނިންމެވި ނަމަވެސް ޖޭއެސްސީން އެބޭފުޅުންގެ އިސްތިޢުފާ ގަބޫލުކޮށްފައެއް ނުވެ އެވެ. އެ މައްސަލާގައި ޖޭއެސްސީން މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް ފުލުހުން ވެސް ގެންދަނީ އެމައްސަލަ ތަހުގީގުކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރަށް، ދައުލަތުގެ އަނެއް ބާރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "ބަރަހަނާވެފައިވާ" މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ޕީޖީ އަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް އެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަކަށް ޓްރާންސްޕޭރަންސީއަކުން ނުބުނެ އެވެ.