ހއ. ފިއްލަދޫގައި ސްކޫލްގެ ޓީޗަރަކު 13 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގަމުންދާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ރިޕޯޓެއް ކުރުމުން ފިއްލަދޫ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރަމުންދާ ކަމަށާއި ތަފުސީލު ދެވެން ނެތް ކަމަށެވެ.


ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ރޭ 11:00 ޖެހި އިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ ފިއްލަދޫ ކޮމާ، އަލީ ކާމިލެވެ. އެނާ އަކީ ފިއްލަދޫ ސްކޫލްގައި ގުރުއާނާއި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރެކެވެ.


ފިއްލަދޫ މައުލޫމާތު ދިން އެ ރަށުގެ ބައެއް މީހުން ބުނީ ކާމިލު ހައްޔަރު ކޮށްފައިވަނީ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ 13 އަހަރުގެ އަންހެން ކުއްޖާއަށް ޓިއުޝަން ދެނީ ކަމަށް ބުނެ އަންހެން ކުއްޖާގެ ގޭގައި އެ ކުއްޖާއާއެކު ކޮޓަރި ތަޅުލައިގެން ތިއްބާ ކަމަށެވެ.


"މިކަމެއް ހިނގާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ބައެއް ރޭރޭ ކާމިލު ނިދަނީ ވެސް އެ ކޮޓަރީގައި ކަމަށް ކިޔާތާ ވެސް ދުވަސްތަކެއް ވަނީވެފައި. އެހެން އޮވެފައި އިއްޔެ ބަޔަކު ރިޕޯޓް ކުރުމުން ރޭ ކުޑަ އަންހެން ކުއްޖާ އާއި ފިރިހެން މީހާ ފުލުހުން ގެންދިޔައީ." ފިއްލަދޫން މައުލޫމާތު ދިން އަންހެނަކު ނަން ހާމަ ނުކުރުމަށް އެދި ކިޔައިދިނެވެ.  


ކުޑަ އަންހެން ކުއްޖާ ވެސް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ރޭ ދަންވަރު ވަނީ އެކުއްޖާ ގެއަށް ގެނެސްފައެވެ.


އެރަށު ބައެއް މީހުން ބުނީ އެ ހާދިސާއަށް ފަހު ރޭ އަންހެން ކުއްޖާއަށް ލިބިފައިވާ ޖިންސީ ހާނީއްކަތައް ބެލުމަށް އެ ރަށުގައި ޓެސްޓް ވެސް ކޮށްފައިވާ ކަމަށެވެ.


ފިއްލަދޫގައި ދާދި ފަހުން ވަނީ އެ ރަށުގެ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުން ދިއުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.