ޏ. ފުވައްމުލަކު ވާދީ ފިހާރައިގެ ތިޖޫރީ ފަޅާލައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ކުރި މައްސައްކަތުން ބައެއް ފައިސާ ހޯދައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 48 އަހަރުގެ މީހެއްގެ އިތުރުން 42 އަހަރުގެ މީހެއް ކަމަށެވެ.

އެ ފިހާރައިގެ ތިޖޫރިން ފައިސާ ވަގަށްނަގާފައި ވަނީ އިއްޔެ ހެނދުނު 9:45 އެހައިކަންހާއިރު އެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސީޓީ ގަން ޕޮލިސް ސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކުން އައްޑޫ ސިޓީ ފޭދޫއަށް ދިޔަ ފެރީއަކުން އެރަށު ބަނދަރަށް ފޭބިތަނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ހައްޔަރުކޮށް އަތުގައި އޮތް ދަބަސް ބަލައި ފާސްކުރި އިރު 63،000 އަށް ވުރެ ގިނަ ރުފިޔާއާއި 600 ޔޫއެސްޑޮލަރުގެ އިތުރުން ވަތަނިއްޔާގެ ރިޗާޖް 10 ކާޑާއި ދިރާގު ރިޗާޖް ކާޑުގެ 65 ކާޑު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މީހުންގެ ތެރެއިން 42 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދާ ގޭގައި ހުއްޓާ ކަމަށާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެގޭ ގިފިލި ތެރޭގައި ވަޅުލާފައި ހުއްޓާ 4000 ރުފިޔާވަނީ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ވެސް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދާ ގޭގައި ހުއްޓާ ކަމަށާއި އޭނާގެ އަތުން 29،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ 48 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުން ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ފިހާރައިގެ ތިޖޫރީ ފަޅާލައި ވަގަށް ނަގާފައިވަނީ 160،900 އަށް ވުރެ ގިނަ ރުފިޔާއާއި 600 އަށް ވުރެ ގިނަ ޔޫއެސް ޑޮލަރާއި 5000 ރުފިޔާގެ ދިރާގާއި ވަތަނިއްޔާގެ ރިޗާރޖް ކާޑުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން މިހާތަނަށް 90000 އަށް ވުރެ ގިނަ ރުފިޔާއާއި 600 ޔޫއެސް ޑޮލަރާއި ދިރާގާއި ވަތަނިއްޔާގެ 8500 ރުފިޔާގެ ރީޗާރޖް ކާރޑު ހޯދާފައިވާ ކަމަށާއި ނުފެނިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.