23 Jul 2013, 16:11
ސްޕެއިންގެ ބާސެލޯނާގެ އާ ކޯޗަކަށް ޕެރަގުއޭގެ ކުރީގެ ކޯޗު، އާޖެންޓީނާގެ ޖެރާޑޯ މާޓީނޯ ހަމަޖައްސައިފި އެވެ.
ބާސާއިން ބުނީ، އެ ކްލަބްގެ ކުރީގެ ކޯޗް ޓިޓޯ ވިލަނޮވާ، ކެންސަރަށް ފަރުވާ ހޯދުމަށް ޓަކައި މިމަހުގެ 19 ވަނަ ދުވަހު ކޯޗުކަމުން އިސްތިއުފާ ދިނުމުން، ކޯޗުގެ މަގާމަށް އަލަށް ހަމަޖެއްސި މާޓިނޯ އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އުމުރުން 50 އަހަރުގެ މާޓިނޯއަކީ، ބާސާއަށް މިހާތަނަށް ހަމަޖެއްސި އާޖެންޓީނާގެ ހަތަރުވަނަ ކޯޗެވެ. އެއީ ހިލެނިއޯ ހެރެއިރާ އާއި، ރޯގު އޮލްސަން އަދި ސެޒާ ލުއިސް މެނެއްޓޯ އެވެ. އަދި ބާސާގެ ކޯޗު ކަމަކީ، ދެކުނު އެމެރިކާއިން ބޭރުގެ ގައުމެއްގެ ކޯޗުކަމާ މާޓިމޯ ހަވާލުވާ ފުރަތަމަ ފަހަރުވެސް މެއެވެ.
ބާސާގެ ކޯޗުކަމުން ވިލަނޮވާ އިސްތިއުފާ ދިނުމާއެކު އެ ޓީމާ ގުޅުމުގެ އިންތިޒާރުގައި ގިނަ ކޯޗުންތަކެއް ތިއްބެވެ. އޭގެ ތެރޭގައި ބާސާގެ ބީ ޓީމުގެ ކުރީގެ ކޯޗު ލުއިސް އެންރިކް، ޓޮޓެންހަމްގެ ކޯޗު އަންދްރޭ ވިއަސްބޮއަސް، ސްވަންސީގެ ކޯޗު މައިކަލް ލައުޑްރަޕް އަދި އަންޒީގެ ކޯޗުކަމުން އިސްތިއުފާދިން ގޫސް ހިޑިންކް ހިމެނެ އެވެ.
ބާސާއާ ގުޅުމުގެ ކުރިން މާޓިނޯ ހުރީ އާޖެންޓީނާގައި އޭނާ ކުރިން ކުޅުނު ކްލަބް ކަމަށްވާ، ނެވެލްސް އޯލްޑް ބޯއީސްގެ ކޯޗު ކަމުގަ އެވެ. އެ ޓީމާއެކު އޭނާވަނީ، މިދިޔަ ސީޒަންގެ އާޖެންޓިން ކްލައުސުރާ ކާމިޔާބުކޮށްފަ އެވެ.
ބާސާގެ ކެޕްޓަން ކާލްސް ޕްޔޯލް ބުނީ، މާޓިނޯގެ ފިލޯސަފީއަކީ، ބާސާ މިހާރު ކުޅޭ ސްޓައިލަށް ފެތޭ ފިލޯސަފީއެއް ކަމަށާއި އަދި މާޓީނޯއަކީ ބާސާއާ އެކު ރަނގަޅު ކާމިޔާބުތަކެއް ހޯދޭނޭ ފަދަ މޮޅު ކޯޗެއް ކަމަށެވެ.