ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގްތިސާދު ކުރުމުގެ ސިޔާސަތުގެ ދަށުން، ކަރަންޓަށް ހަރުދުކުރާ މިންވަރު މަދު ކުރުމަށް ޓަކައި އެކުލަވާލެވިފައިވާ "ފަހި އަލި ޕްރޮގްރާމް"ގެ "ފަހިއަލި ބަނދަރު" ރޭ އިފްތިތާހުކޮށްފި އެވެ.

މާލޭ ނޯތު ހަބަރުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

ރޭގެ ރަސްމިއްޔާތުގައި "ފަހިއަލި ބަނދަރު" ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ހަދިޔާ ކުރެވުނު ލައިޓްތައް އިންސްޓޯލް ކުރުމާއި ބެލެހެއްޓުމާ ބެހޭ ގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުން އޮތެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ގައުމެއްގެ ތަރައްގީގައި ހަކަތައިގެ ދާއިރާ ކުޅޭ ރޯލަކީ ވަރަށް މުހިއްމު ރޯލެއް ކަމަށާއި އަދި ހަކަތައަކީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް ބޭނުން ކުރަން ޖެހިފައިވާ އެއްޗެއް ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ ފަހިއަލި ޕްރޮގްރާމްގެ ސަބަބުން ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރުއެހީތެއިކަމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ސީދާ މަންފާ ކުރާނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ފަހިއަލި ޕްރޮގްރާމްގެ ދަށުން ފަސް ސަރަހައްދެއް ހިމެނޭ ގޮތަށް 200 އެނާޖީ އެފިޝަން ހާބަރު ލައިޓް ދޫކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ލައިޓް ދިއްލުމަށް އަހަރަކު ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 870،000ރ. ސަލާމަތްކުރެވޭ ވަރުގެ އެ 200 ލައިޓް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، މާލެ، ކުޅުދުއްފުށި، ތިންދޫ، ފުވައްމުލަށް އަދި އަޑޫސިޓީގެ ހިތަދޫ އެވެ.