23 Jul 2013, 15:46
ބ. އޭދަފުށީ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ކްލަބް ދަ ބިގިނާސް"އިން އިންތިޒާމުކޮށްގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕުގެ ތަށި ވެލާ ސްޕޯޓްސް އިން އުފުލާލައިފި އެވެ.
ވެލާ ސްޕޯޓްސްއިން މުބާރާތުގެ ތަށި އުފުލައިލީ ރޭ ކުޅުނު ފައިނަލް މެޗުގައި އެފްސީ ސޫޕްގެ މުހައްމަދުގެ ޝާންގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު 1-0 އިން މޮޅުވެގެންނެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޖަމްއިއްޔާގެ މީޑިއާ ކޯޑިނޭޓާ ތޯހާ އަބްދުއްސަމަދު މިއަދު ސަންއާ ވަހަކަ ދައްކަމުން ވިދާޅުވީ އެޓޯލް ކިއުޓުން މެއިން ސޮޕޮންސާ ކޮށްފައިވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000ރ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 2000ރ. ކަމަށެވެ. އަދި އެ މުބާރާތަކީ އޭދަފުށީގެ ޒުވާޏުންނަށް އަމާޒް ކޮށްގެން ބޭއްވި މުބާރާތެއް ކަމަށް ވެސް އޭނަ ވިދާާޅުވި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ މައުމޫން އަބްދުލްގައްޔޫމު އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި މައުމޫންގެ އިތުރުން ދެން ހިމެނުނީ އެފްސީ ސޫޕްގެ ފަތީން ޚާލިދު އާއި އެފްސީ ހަބޭސްގެ ހުސައިން މުހައްމަދު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ހުސައިން މުހައްމަދު އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އެފްސީ ހަބޭސް އެވެ.
މިއަހަރުގެ މުބާރާތުން ވެލާ ސްޕޯޓްސް ޗެމްޕިއަންކަން ހޯދުމުން އަންނަ އަހަރުގެ މުބާރާތުން އެ ޓީމަށް އޮޓަމެޓިކުން ޖާގަ ލިބޭނެ އެވެ.