23 Jul 2013, 15:44
ރާއްޖޭގައި އަލަށް ބްރޯޑްކާސްޓްކުރަން ފަށާ ފަރާތްތަކުން ބްރޯޑްކާސްޓް ޓެސްޓް ސިގްނަލް ފޮނުވުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ހޯދުމަށް އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފި އެވެ.
އެ ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަލަށް ބްރޯޑްކާޓްކުރާ ފަރާތްތަކުން ޓެސްޓް ސިގްނަލް ފޮނުވުމުގެ ކުރިން ޓެސްޓް ސިގްނަލް ފޮނުވަން ފަށާނެ ތާރީހެއް ބަޔާންކޮށް ލިޔުމަކުން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ޓެސްޓް ސިގްނަލް ފޮނުވޭނީ، ޓެސްޓް ސިގްނަލްގައި ފޮނުވާނެ ކޮންޓެންޓާ ބެހޭ މައުލޫމާތާއި ޝެޑިއުލް އާއި މުއްދަތު ހުށަހަޅާ އެކަމަށްޓަކައި ކޮމިޝަނުން ދޫކުރާ ހުއްދައެއް ލިބިގެން ކަމަށް ބުނެފައިވެ އެވެ. އަދި ޓެސްޓް ސިގްނަލް ފޮނުވާއިރު ފޮނުވާ ކޮންޓެންޓްގެ ތެރޭގައި ހަބަރާއި، ހަބަރާގުޅޭ މައުލޫމާތާއި އިއުލާނާއި އިޝްތިހާރު އަދި އާންމު މައުލޫމާތެއް ވެސް ނުހިމެނުމަށް އެ މައްދާގައި ބުނެފައިވެ އެވެ.
މީގެއިތުރުން މިހާތަނަށް ބްރޯޑްކާސްޓް ކުރަން ފަށައިފައިނުވާ ފަރާތްތަކުން އެކަމަށް ސަލާލުވެ ގަވާއިދާ އެއްގޮތަށް ޓެސްޓް ސިގްނަލް ފޮނުވުމަށާއި ޓެސްޓް ސިގްނަލް ނިމި ބްރޯޑްކުރަން ފަށާ ތާރީހެއް އެ ކޮމިޝަނަށް ލިޔެކިޔުމަކުން ހުށަހެޅުމަށް ވެސް އެކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ބުނެފަ އެވެ.
ބްރޯޑްކާސްޓްކުރުންގެ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންގައި ރަޖިސްޓްރީކޮށްގެން 31 ބްރޯޑްކާސްޓަރުން ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް އެކޮމިޝަނުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.