މާދަމާ އިން ފެށިގެން ލ. އަތޮޅު ކައުންސިލް އިދާރާ ހުޅުވުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.

ފޮނަދޫ ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ލ. އަތޮޅު ކައުންސިލްގެ އިދާރާ ބަންދުކުރުމަށް ކައުންސިލްގެ އަޣުލަބިއްޔަތުން މި މަހުގެ ތިން ވަނަ ދުވަހު ގަރާރެއް ނެރެފައިވާތީ މާދަމާ އިން ފެށިގެން އެ އިދާރާ އިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދި ފޮނަދޫ މަހަލް މުހައްމަދު ރަޝީދު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ފޮނަދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލް އިދާރާ ބަންދުކުރުމަށް ނެރެފައިވާ އެ ގަރާރަކީ ކައުންސިލްގެ މެމްބަރުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުން ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައި މާދަމާ އިން ފެށިގެން އެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ލ. އަތޮޅު ކައުންސިލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.