ކެތޭ ޕެސިފިކް އެއާލައިނުން ހޮންކޮންގާއި މާލެއާ ދެމެދު އަންނަ އޮކްޓޯބަރު 27ގައި ދަތުރުތައް ފަށަން ހަމަޖައްސައިފި އެވެ.

ކެތޭ ޕެސިފިކްގެ ދަތުރުތައް ފަށާ އިރު، އެ ގައުމުގެ ހޮންކޮންގް އެއާލައިންގެ ދަތުރުތައް މެދުކަނޑާލައިފައި އޮތުމަށް ފަހު ދާދިފަހުން ވަނީ އަލުން ފަށައިފަ އެވެ.

އެ އެއާލައިނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައި ވަނީ ހަފުތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރާ 330 އޭ 300 މަރުކާގެ ބޯޓުގައި ބިޒްނަސް ކްލާސް އާއި އިކޮނޮމީ އަދި ޕްރީމިއަމް އިކޮނޮމީ ކްލާސް ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ އެއާލައިންގެ ޗީފް އެގްޒެކްޓިވް ޖޯން ސްލޮސާ ވިދާޅުވީ ރާއްޖެއަކީ ޗުއްޓީ ހޭދުކުރަން ހޮންކޮންގްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ވަރަށް ކަމުދާ މަންޒިލެއް ކަމަށެވެ.

"ކެތޭ ޕެސިފިކަކީ އެންމެ މަތީ ފެންވަރު ހިދުމަތްދޭ އެއާލައިނެއް. މި އެއާލައިނުން ރާއްޖެ އަށް ދަތުރުކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ ހުރިހާ ހިދުމަތްތަކެއް ވެސް ވަރަށް ފުރިހަމައަށް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖެ އަށް އެކި އެއާލައިންތައް ދަތުރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް ގަލްފް ގައުމުތަކުގެ އެއާލައިންތަކާއި ޗައިނާގެ އެއާލައިންތައް ދަތުރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން ޗައިނާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.