23 Jul 2013, 14:28
މިދިޔަ އަހަރުގެ މާޗް 19 ވަނަ ދުވަހު ވީޓީވީ އަށް ގެއްލުންދިނުމުގެ ކުށުގައި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 7471 މުހައްމަދު ހަމީދު ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މުހައްމަދު ހަމީދު ވީޓީވީގެ އިމާރާތަށް ގާއުކާފައިވާ ކަމަށް ހެކީން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.
މުހައްމަދު ހަމީދު އަށް ދީފައި ވަނީ ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަމަށާއި ކުށުގެ ރެކޯޑެއް ނެތް މީހަކަށް ފުރަތަމަ ފަހަރަށް ކުށެއް ސާބިތުވުމުން ލުއި އަދަބު ދިނުމަކީ ކޯޓުތަކުން އާންމުކޮށް އަމަލު ކުރަމުން ގެންދާ އުސޫލެއް ކަމަށް ބުނެ އޭނާ ވަނީ ހައިކޯޓުގައި އެކަން ފާހަގަކޮށްފަ އެވެ.
އެ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ގާނޫނުގައި އެކުށަށް ކަނޑައަޅާފައި އޮތް އަދަބަކީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. އެގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮތުމުން ޖަލު ހުކުމުގެ މުއްދަތު ކަނޑައެޅުމަކީ ގާޒީއަށް ލިބިދީފައިވާ އިޚްތިޔާރެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައި އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މުހައްމަދު ހަމީދު ވީޓީވީ އަށް ގެއްލުންދޭން އުޅެފައި ވަނީ ދުވާލުވަގުތެއްގައި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގިނަ ބަޔަކާ ބައިވެރިވެގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެފަދަ ނުރައްކާތެރި އަމަލެއް ކުރާ މީހަކަށް ގާނޫނުގައި ބުނާ އެންމެ ބޮޑުއަދަބެއް ކަނޑައެޅުމަކީ އެކަމަށް ގާނޫނު ހުރަސްއަޅާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ވީޓީވީއަށް ގެއްލުންދިން މައްސަލައިގައި ޖުމްލަ އަށް މީހަލު ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވެ އެވެ. އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކު ދެ އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ އެންމެންގެ މައްޗަށް ވެސް ކޮށްފައި ވަނީ މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގެ ދައުވާ އެވެ.