23 Jul 2013, 14:20
މިމަހުގެ 10 ން 28 އަށް ސްވިޑްންގައި ކުރިއަށް ގެންދާ، ވިމެންސް ޔުރޯ 2013ގެ ސެމީފައިނަލަށް، ޖަރުމަނާއި ސްވިޑްން އަދި ނޯވޭއާއި ޑެންމާކު ހޮވިއްޖެ އެވެ.
ސްވިޑް ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓަގައި ފައިނަލްގައި 4-0ން އައިސްލޭންޑް ބަލިކުރުމަށް ފަހު އެވެ. އެ މެޗުގައި ސްވިޑްންގެ ޝެލިން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ދެލަނޑު ކާމިޔާބުކުރީ، އޫގްވިސްޓްއާއި އެމް. އެމަސްޓްރޫމް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ސެމީއިން ޖާގަ ހޯދީ، 1-0ން އިޓަލީ ބަލިކުރުމަށް ފަހު އެވެ. އެ މެޗުގައި ޖަރުމަނަށް ލަނޑު ޖަހައިދިނީ ލައުޑާ އެވެ.
ނޯވޭ ސެމީ ފައިނަލުން ޖާގަ ހޯދީ، ފަސޭހަކަމާއެކު 3-1ން ސްޕެއިން ބަލި ކުރުމަށްފަހު އެވެ. މެޗުގައި ނޯވޭއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ، ގަލްބްރެންޑްސަން އާއި ހެގާބާގް އެވެ. އަދި ތިންވަނަ ލަނޑަކީ ސްޕެއިންގެ ޕަރެދޭސް އަތުން ބައިކޮޅަށް ވަތް ލަޑެކެވެ. ސްޕެއިންގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ހާމޯސޯއެވެ.
ވިލާތު އަންނުންގެ ޗެމްޕިއަންޝިޕްގެ ސެމީފައިނަލުން ޑެންމާކު ޖާގަ ހޯދީ، އެންމެ ވަރުގަދަ ކަމަށް ބެލެވުނު ފްރާންސާއެކު ކުޅުނު ކުއާޓާ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު ޑެންމާކުގެ ރަސްމުސެން އާއި، ފްރާންސްގެ ނެސީބް ކާމިޔާބުކޮށްދިން ލަނޑުން ދެ ޓީމް 1-1ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 4-2ން ބަލި ކޮށްގެންނެވެ.
މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ރަނގަޅު ކާމިޔާބެއް ހޯދާނޭކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ކްލަބް ކަމަށްވާ އިންގްލެންޑް މުބާރާތާ އަލްވަދާއު ކިއީ، ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ، ވާދަކުރާނީ ސްވިޑެން އާއި ޖަރުމަނެވެ. އަދި ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ވާދަކުރާނީ، ނޯވޭއާއި ޑެންމާކެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ އާދީއްތަ ދުވަހު އެވެ.