ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން މިއަދު އެއް މާލަމަކުން ބައްދަލުކުރައްވައިފި އެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ހަދާން އާކުރުމުގެ ގޮތުން ދުވަހެއް ކަނޑައަޅައި އެކަން ފެށުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އަންނަ ރިޔާސީ އިންތިހާބްގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރަސްމިއްޔާތަށް ރިޔާސީ ކެންޑިޑޭޓުންންގެ ހައިސިއްޔަތުން އެއްވެސް ބޭފުޅަކަށް ދައުވަތު ދީފައި ނުވާނެ ކަމަށާއި އެ ބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރުންކަން ކުރައްވާފައިވާ ބޭފުޅުންނާއި ޕޮލިސް ކަމިޝަނަރުކަން ކުރައްވާފައިވާ ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ޕާޓީތައް ތަމްސީލް ކުރައްވާ އިސް ބޭފުޅުންގެ ހައިސިއްޔަތުން ކަމަށެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތަށް ކުރީގެ ޕޮލިސް ކަމިޝަނަރުން ކަމުގައިވާ އަހުމަދު ފަސީހު އާއި އާދަމް ޒާހިރަށާއި ކުރީގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށާއި ހަސަން އަފީފަށް ވެސް ދައުވަތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިއަދުގެ އެ ރަސްމިއްޔާތަށް އެއިން އެއްވެސް ބޭފުޅަކު ވަޑައިގެންފަ އެއް ނުވެ އެވެ.

މިއަދުގެ އެ ރަސްމިއްޔާތަަށް ފަހު ރިޔާސީ ކެންޑިޑޭޓުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުކުރައްވައި ސަލާމް ކުރައްވައިފަ އެވެ. އަދި ޝަހީދުވި ފުލުހުންގެ އާއިލާތަކާ ވެސް އެ ބޭފުޅުން ބައްދަކުރައްވައިފަ އެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ނިޔާވަމުންދާ ފުލުހުންގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ވެސް ޖުލައި 23، "ހަނދާނުގެ ދުވަސް"ގެ ގޮތުގައި ފާހަގަކުރުމަށް ފުލުހުން ވަނީ މިއަދު ނިންމައިފަ އެވެ.