23 Jul 2013, 13:25
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސް ކްލަބްގެ ވައިސް ޗެއާމަންގެ މަގާމަށް ހަސްން ޝުޖާޢު (ޗާންދަނީ ސުޖާ) ހަމަ ޖައްސައި، ކްލަބްގެ 12 ނަންބަރު ޖާޒީ އަކީ އެކްލަބްގެ ސަޕޯޓަރުންގެ ނަންބަރުގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ނިއުގެ މިޑްޓާމް ކޮންގްރެސްގައި އެ ކްލަބްގެ ހިންގާ ގަވާއިދަށް ބައެއް ބަދަލު ގެނެސް، ހަތް މެންބަރުންގެ ބޯޑަށް ދެ މެންބަރުން އިތުރުކޮށް، މެންބަރުންގެ އަގުލަބިއްޔަތުން އިތުރުކުރި ދެ މަގާމަށް އައްޔަން ކުރީ، ޗާންދަނީ ސުޖާއާއި ހ. ޝަފީގުގޭ މުހައްމަދު ޝަފީގު އެވެ.
ނިއުގެ މިޑްޓާމް ކޮންގްރެސްގައި، ހިންގާ ގަވައިދަށް ބަދަލުގެނެސް، ވައިސްޗެއާމަންގެ މަގާމަށް ބޯޑުމެންބަރަކު ހަމަޖެއްސުމުގެ ބާރު ޗެއާމަނަށް ލިއްބައިދީ ވައިސްޗެއާމަނެއްގެ މަގަށް ސުޖާ ހަމަޖެއްސީ ޓީމުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ.
"ޝުޖާއުއާއި ޝަފީގަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވާ ދެބޭފުޅުން. މިހާތަނަށް ފަހަތުގައި އެ ދެބޭފުޅުން މަސައްކަތް ކުރެއްވީ. އަޅުގަނޑުމެން ބޭނުންވީ އެދެބޭފުޅުން ކުރިއަށް ނެރެން،" ބަލަކް ވިދާޅުވި އެވެ.
މިޑްޓާމް ކޮންގްރެސްގައި ހާމަކުރި އަނެއް ކަމަކީ ނިއުގެ 12 ނަންބަރު ޖާޒީ އެއްވެސް ކުޅުންތެރިއަކު ބޭނުން ނުކޮށް، އެ ނަމްބަރަކީ ކްލަބްގެ ސަޕޯޓަރުންގެ ނަމްބަރުގެ ގޮތުގައި ބޯޑުން ނިންމި ނިންމުމެވެ.
ބަލަކް ވިދާޅުވީ ނިއުގެ ސަޕޯޓަރުންނަކީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާއިރު ސަޕޯޓަރުންނަށް ކްލަބްގެ ފަރާތުން ހާއްސަ ކަމެއް ކޮށްދޭން ޖެހޭނޭ ކަމަށް ގަބޫލު ކުރަށްވާ ކަމަށާއި އެގޮތުން ނިއުގެ 12 ނަމްބަރު ޖާޒީ ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނީ ކްލަބްގެ ސަޕޯޓަރުން ކަމަށާއި، ދަނޑަށް ވަޑައިގަންނަވާއިރުވެސް ސަޕޯޓަރުން 12 ނަންބަރު ޖާޒީ ބޭނުން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނިއުގެ ހިންގާ ގަވައިދަށް އަލަށް ގެނެވުނު ބައެއް ބަދަލުތަކުގެ ތެރޭގައި، 1000 ރުފިޔާ ލިބޭ، ކްލަބްގެ ގޯލްޑް މެމްބަރު ކާޑު އުވާލައި، ހަމަ އެކަނި 500ރ ދީގެން ލިބޭ ބްލޫ ކާޑާއި އަދި 100ރ އަށް ލިބޭ ވައިޓް ކާޑު ބޭނުންކުރާ ގޮތަށް ހަމަޖެއްސި އެވެ. އަދި ކްލަބްގެ މެންބަރަކަށްވާތާ ތިންމަސް ވެފައިވާ މެންބަރުންނަށް އިންތިހާބު ތަކުގައި ވާދަކުރެވޭ ގޮތަށް އިސްލާހު ގެނައުމާއި، މެނޭޖްމަންޓުގެ މަގާމުތަށް އެކުލަވައިލުމުގެ ބާރު، އެކްސްކޯއަށް ދިނުމާއި، އަދި އެ ކްލަބް ވާދަކުރާ ބައިނަލްއަގްވާމީ މެޗުތަކުގައި "ބޭނުން ކުރެވޭނަމަ" ގައުމީ ދިދަ އެކްލަބްގެ ޖާޒީގައި ހިމެނުމަށްވެސް ހިންގާ ގަވައިދަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ހިމެނެ އެވެ.