ބާސެލޯނާއަށް ކުޅެމުންދާ ސްޕޭންގެ ގައުމީ ޓީމުގެ މިޑްފިލްޑަރު ސެސް ފެބްރިގާސް ހޯދުމަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓަޑުން ހުށަހެޅި ދެ ވަނަ ބިޑް ވެސް ބާސާއިން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެބްރިގާސް ހޯދުމަށް ޔުނައިޓެޑުން ބާސާއަށް މިފަހަރު ބިޑް ހުށަހަޅައިފައި ވަނީ 30 މިލިއަން ޕައުންޑެވެ. މީގެކުރު ފެބްރިގާސް ހޯދުމަށް ޔުނައިޓެޑުން ބާސާ އަށް ހުށަހަޅާފައިވާ ބިޑްގެ ޖުމްލަ 25 މިލިއަން ޕައުންޑުގެ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސާގެ ރައީސް ސެންޑްރޯ ރޮސެލްއާ ވިދާޅުވީ، ބާސާގެ ނިންމުމަކީ ފެބްރިގާސް ވިއްކާ ނުލުން ކަމަށާއި ފެބްރިގާސްއަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"އަހަރުމެންގެ ނިންމުމަކީ ފެބްރިގާސް ނުވިއްކުން. އެކަން މިހާރު ޔުނައިޓަޑަށް ވެސް އަންގާފައިވާނެ."ރޮސެލްއާ ވިދާޅުވި އެވެ.

އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ފެބްރިގާސް ހޯދުމަށް، ޔުނައިޓެޑުން ދެވަނަ ފަހަރަށް ބިޑް ހުށަހެޅި ނަމަވެސް ބާސާ އާއި އާސެނަލްއާ ދެމެދު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން ފެބްރިގާސް އެހެން ޓީމަކަށް ވިއްކައިލާ ނަމަ، އޭނާ ގަތުމުގެ ފުރުސަތު ފުރަތަމަ އޮންނާނީ އާސެނަލް އަށެވެ. އެހެން ކަމުން ބާސާއިން ފެބްރިގާސް ވިއްކާލަން ބޭނުންވި ނަމަވެސް އެހެން ކްލަބަލަށް އޭނާ ގެންދެވޭނީ އާސެނަލްއިން ނޫނެކޭ ބުނެފި ނަމައެވެ.

ފެބްރިގާސް ބާސާއާ ގުޅުނުފަހުން އޭނާ ވަނީ، 2011-12 ސީޒަންގެ ކޮޕާ ޑެލްރޭއާއި 2012-13ގެ ލަލީގާ އެ ކްލަބަށް ހޯދުމަށް އެހީތެރިވެ ދީފައެވެ. އަދި ސްޕެއިންގެ ގައުމީ ޓީމަށް 83 މެޗު ކުޅެފައިވާ ފެބްރިގާސް ވަނީ، އެ ކްލަބާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޔޫރަޕިއަން ޗެމްޕިއަންޝިޕް ދެފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑަށް ފެބްރިގާސް ގަނެވިއްޖެ ނަމަ އޭނާ ވެގެންދާނީ، ސާ އެލެކްސް ފާގަސަންއަށް ފަހު އެ ކްލަބްގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއެސްގެ ބެލުމުގެ ދަށުން އެ ކްލަބަށް ގެންނަ އެފަދަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި ޔުނައިޓެޑުގެ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް އެކުލަބަށް ގެންނަ ކުޅުންތެރިޔާ އަށެވެ.

ޔުނައިޓެޑުން މިހާތަނަށް އެންމެ އަގުބޮޑުކޮށްގެނެސްފައިވާ ކުޅުންތެރިޔާއަކީ ބަލްގޭރިއާގެ ފޯވަޑް ޑިމްޓްރީ ބާބަޓޯވް އެވެ. އޭނާ އެކުލަބަށް ގެނެސްފައި ވަނީ ތިރީސް ޕޮއިންޓް ހަތެއް ފަހެއް މިލިއަން ޕައުންޑަށެވެ.

ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އެޑް ވުޑްވާޑްއާ ހަވާލާދީ އިނގިރޭސި މިޑިއާތައް ބުނެފައި ވަނީ، މި ސީޒަންގައި މޮޅު އެއް ކުޅުންތެރިއަކު ޓީމަށް ގެނައުމަށް 60 މިލިއަން ޕައުންޑާއި 70 މިލިއަން ޕައުންޑާ ދޭތެރޭގެ ފީއެއް ހޭދަ ކޮށްލުމަށް އޯލްޑް ޓްރަފޮޑް ކްލަބް އޮތީ ތައްޔާރަށް ކަމަށެވެ.