23 Jul 2013, 12:51
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ފައިދާ މިދިޔަ އަހަރު 35 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސަންއާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އައިއޭއެސް އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 46.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެ ހާސް އެގާރަ ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 34.4 މިލިއަން ރުފިޔާ އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު އެހާ ބޮޑަށް އިތުރުވި އެންމެ ބޮޑު ސަބަބަކީ ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުފެށުމާއި ޓޫރިސްޓުން އުފުލާ މިންވަރު އިތުރުވުން ކަމަށެވެ.
"އަޅުގަނޑުމެން ޓޫރިޒަމް ދާއިރާ އަށް ވަނުމުގެ ފައިދާ މިހާރު މިފެންނަނީ. ކުންފުނިން ކުރާ ވިޔަފާރީގެ ތެރެއިން ސީއައިޕީ ލައުންޖް ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ކުރިއެރުން ލިބިފައިވާތަން މިފެންނަނީ. ހާއްސަކޮށް ކާގޯ އާއި ޑޮމެސްޓިކް ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެފައިވޭ،" ހާރިސް ވިދާޅުވި އެވެ.
އައިއޭސްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ފަސް މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 739.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ދެހާސް އެގާރަ ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 636.5 މިލިއަން ރުފިޔާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ހާރިސް ވިދާޅުވީ މިދިޔަ އަހަރު ކުންފުނީގެ ހަޔާތުގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ އަހަރެއް ކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ޖެޓް އޮޕަރޭޝަން ފެށީ. އެއާ އެކު އިންޓަނޭޝަނަލް އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށީ ވެސް. އޭގެ އިތުރުން އެއާޕޯޓު ބިޒްނަސް ތެރެއަށް ވަދެ ދަރަވަންދޫ އެއާޕޯޓު ހިންގަން ފެށީ. އަދި ކައްދޫ އެއާޕޯޓު ބިޑިން ޕްރޮސެސްގެ ތެރެއިން ނެގީ ވެސް. އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެކޭ،" އޭނާ ވިދާޅުވި އެވެ.
ހާރިސް ވިދާޅުވީ މިހާތަނަށް އެ ކުންފުނިން ސަރުކާރަށް ފައިދާގެ ގޮތުގައި 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.
"މިހާ ކުރު މުއްދަތެއްގައި މިހާ ކާމިޔާބު ކުންފުންޏަކަށް ހެދުނީ އަޅުގަނޑުމެންގެ ޗެއާމަނުންނާއި ޑިރެކްޓަރުންގެ އިތުރުން މުވައްޒަފުންގެ ހިތްވަރުން،" އޭނާ ވިދާޅުވި އެވެ.