23 Jul 2013, 12:37
ކެމަރޫން ފުޓްބޯލް ފެޑެރޭޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާތީ، ބައިނަލްއަގްވާމީ ފުޓްބޯޅަގައި ވާދަނުކުރެވޭ ގޮތަށް ދިން ސަސްޕެންޝަން އުވާލަން ފީފާއިން ނިންމައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކެމަރޫންގެ ސަސްޕެންޝަން އުވާލާފައިވަނީ، ފީފާއިން ކޮށްފައިވާ ޝަރުތުތަކާ އެއްތޮތްވާ ގޮތުގެ މަތިން، ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވައިލުމަށްފަހު އެކޮމެޓީގެ ބެލުމުގެ ދަށުން އެ ފެޑޭރޭޝަން ހިންގަން ފެށުމުންނެވެ. އެ ކޮމިޓީގެ ރައީސަކަށް ހަމަޖައްސާފައިވަނީ ކެމަރޫންގެ ހުރީގެ އެޑިޔުކޭޝަން އަދި ސްޕޯޓްސް މިނިސްޓަރު ޖޯސެފް އޮވޯނާ އެވެ.
ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން އެތަނުގެ ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ، ސީދާ ފީފާގެ ބެލުމުގެ ދަށުން، ކޮންފެޑެރޭޝަން އޮފް އެފްރިކާގެ މަންދުބެއްގެ ބެލުމުގެ ދަށުންނެވެ.
ފީފާއިން ސަސްޕެންޝަން އުވާލުމުން، ވޯލްޑްކަޕް 2014ގެ ކޮލިފައިންގައި ސެޕްޓެމްބަރު މަހު ލީބިޔާއާ ދެކޮޅަށް ކެމަރޫން ކުޅެން ހަމަޖެހިފަވާ މެޗުގައި އެގައުމަށް ވާދަކުރެވޭނެ އެވެ. އަދި އެފްރިކަން ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން ގެންދާ ކެމަރޫންގެ ކޮޓަން ސްޕޯޓްސްއަށް އެ ލީގުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިން ކެމަރޫން ސަސްޕެންޑް ކޮށްފައި އޮތުމުގެ ސަބަބުން، އެފްރިކަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކޮޓޮން ސްޕޯޓްސްއަށް ވާދަކުރެވޭ ގޮތެއް ނުވި އެވެ.
ފީފާއިން މިދިޔަ މަހުގެ ކުރީކޮޅުގައި ބައިނަލްއަގްވާމީ ފުޓްބޯޅައިން ކެމަރޫން ސަސްޕެންޑް ކުރީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ތެރެއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަދެފައިވާތީ އެވެ. އަދި އެ ސަސްޕެންޝަން އުވާލުމަށް ނިންމީ، ކެމަރޫންގެ މިހާރުގެ ސްޕޯޓްސް މިނިސްޓަރު ހިމެނޭ ހާއްސަ ވަފުދެއް މީގެ ދުވަސްކޮޅެއް ކުރިން ފީފާގެ ރައީސް ސެޕް ބްލެޓާއާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.
އަލަށް އެކުލަވައިލެވުނު، ނޯމަލައިޒޭޝަން ކޮމިޓީއިން ކެމަރޫން ފުޓްބޯލް ފެޑެރޭޝަން ހިންގާނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. އަދި އެ ކޮމެޓީއިން މާޗު މަހުގެ 31 ގައި އެ ފެޑެރޭޝަންގެ އިންތިހާބެއް ބާއްވައި، އާ ބޯޑު އެކުލަވައިލުމަށް އެހީތެރިވެ ދޭނެއެވެ.
ފީފާއިން ބުނެފައިވަނީ، އަންނަ އަހަރުގެ ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުގައި، މިހާރުގެ ވަގުތީ ކޮމިޓީގައި ހިމެނޭ އެއްވެސް މެންބަރަކަށް ވާދަ ނުކުރެވޭނޭ ކަމަށެވެ.