23 Jul 2013, 12:37
ޒުވާނުންނަށް ފުރުސަތު ދިނުމަށް ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ކުރިމަތިނުލައްވާނެ ކަމަށް ފުވައްމުލަކު މެދު ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.
ޝިފާގް މަޖިލީހުގައި ތަމްސީލް ކުރައްވަން ފެއްޓެވީއްސުރެ ކޮންމެ އަހަރަކު ވެސް ގެނެސްދެއްވަމުން ގެންދަވާ އޭނާގެ އަހަރީ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން އޭނާ ވިދާޅުވީ އޭނާ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވި އިރު އޭނާގެ އުމުރަކީ 29 އަހަރު ކަމަށާއި މިހާރު އޭނާގެ އުމުރުން 35 އަހަރުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އެހެން އެއްވެސް ދާއިރާއަކަށް ވެސް ކުރިމަތިލައްވަން ބޭނުންފުޅު ނުވާ ކަމަށާއި ފުވައްމުލަކު މެދު ދާއިރާ އިން ދެން ފުރުސަތު ދެއްވާނީ އެކަމަށް ޝައުގުވެރިވާ ފުވައްމުލަކު ތަރައްގީ އަށް އެދޭ ޒުވާނުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މިހާރު ވެސް ވަރަށް ގިނަ ކޯލްތަކެއް އެބައާދޭ ކުރިއަށް އޮތް އަހަރު މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާނެތޯ ނުލާނެތޯ އެބައަހާ، ވަރަށް ގިނަ ބަޔަކު އަޅުގަނޑަށް ގުޅާފައި އެބަ ބުނޭ ހިސްޓޯއޭ އަދި އެއް ދައުރު ފުވައްމުލަކަށް ޓަކައި މަސައްކަތް ކޮށްލަދޭށޭ. ފުވައްމުލަކަށް ޓަކައި ވަރަށް ގިނަ ކަންތައްތަކެއް މަޖިލީހުގެ ތެރެއިން އަޅުގަނޑަށް ކޮށްދެވިފައިވާ ކަމަށް ވަރަށް ގިނަ ބަޔަކު ވަކިން ހާއްސަކޮށް މެދު ދާއިރާގެ މީހުން ހެކިވާތީ، އަޅުގަނޑު އެ ދާއިރާ އަށް ކުރިމަތިލާން ހުރެއްޖެ ނަމަ ރަށުގެ ޒުވާނުން އެ ކަމަށް ކުރިމައްޗެއް ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް. ނަމަވެސް އަޅުގަނޑު ދެން ބޭނުން ވަނީ އަޅުގަނޑަށް ލިބުނު ފުރުސަތު އަޅުގަނޑުގެ ފަހަތުގައި ތިބި ޒުވާނުންނަށް ދޭން،" ޝިފާގު ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީގުގައި ދާއިރާއެއް ތަމްސީލު ކުރަމުން އަންނަތަން އަންނަ އަހަރުން ފެށިގެން ނުފެނުނު ކަމުގައިވި ނަމަވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާނީ ފުވައްމުލަކުގެ ތަރައްގީއަށް ޓަކައި އޭނާގެ ކެންޕެއިންގެ ތެރޭގައި އެކުލަވާލެއްވި ސިޔާސީ ތަސައްވުރެ ހަގީގަތަކަށް ހެދުމަށް ކަމަށާއި ދެން ވެސް އެ ދާއިރާ ރައްޔިތުން ވޯޓް ދޭނީ އޭނާ ބޭނުންވެލައްވާ ގޮތަށް ކަމަށެވެ.
ސިޔާސީ ކަރުހިއްކުން ފިލުވުމަށްޓަކައި ޜާއްޖޭގެ އަމަންއަމާންކަން ނަގާނުލުމަށް ވެސް ސިޔާސީ ހުރިހާ ޕާޓީތަކަށް ޝިފާގު ގޮވާއްލެއްވި އެވެ.
ފުވައްމުލަކުގެ ތަރަައްގީއަށް އޭނާ މަޖިލީހުގެ ތެރެއިން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވަމުން ޝިފާގް ވިދާޅުވީ އޭނާގެ މަޖިލީހުގެ ގޮނޑިއަށް ކުރެއްވި ކެންޕެއިންގެ ތެރޭގައި ފުވައްމުލަކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެއްވާފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ކުރިއެރުމަށް ނުުކުތް ކޮންމެ މީހަކަށް ވެސް ޕާޓީގެ ކުލައަކަށް ބެލުމެއް ނެތި އެހީތެރިވެދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކޮށްދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ފުވައްމުލަކުގައި އެއާޕޯޓެއް އެޅުމަށް މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފުވައްމުލަކުގެ ތަރައްގީ އަށާއި ޒުވާނުންނާއި ތައުލީމު ކުރިއެރުވުމަށް ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.