ފުލުހުންނަށް ހަމަލަދޭ މީހުންނަށް ހުކުމް ތަންފީޒު ކުރުމަށް ފަހު، ކަފާލާތުގެ ދަށުން ވެސް ދޫނުކުރާ ބަޔަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް އިސްކަންދަރު ކޮށި ބޭރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ހެޔޮހިތުން ބަލައިގަންނަށް ޖެހޭނެ ކަމެއް ކަމަށެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާ ނަމަ އެކަމުގެ އަސަރު ގައުމުގެ އަމަންއަމާން ކަމަށާއި ރައްޔިތުންނަށް އެކި ގޮތް ގޮތުން ފޯރާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ޝަރީއަތަށް ފޮނުވައި ޝަރީއަތް ކުރުމަކީ އެފަދަ ކަންކަން ހުއްޓުވުމަށް އެޅޭނެ ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައިވާ މައްސަލަތައް އަވަސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ. އަދި އެފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން އެކަންކަން ބެލުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަކީ ކުޑަކުޑަ ކަމެއް ނޫން. ގައުމީ ނަޒަރަކުން އެއީ ވަރަށް ބޮޑު މައްސަލައެއް. އެފަދަ މައްސަލަތަކުގައި ޝަރީއަތުން ހުކުމް ކުރާ ފަރާތްތަކަށް ހުކުމް ކުރާ އިރު، އެއްވެސް ލުޔެއް ދީގެންވާނެ ކަމަކަށް ނުދެކެން. އެފަދަ ފަރާތްތަކަށް އެއްވެސް ކަފާލާތެއްގެ ދަށުން މަޢާފު ދީގެން ވާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ރައީސް ވިދާޅުވި އެވެ.

ޑރ. ވަހީދު އަދި ވިދާޅުވީ 2008 ވަނަ އަހަރު ރައްޔިތުން އިންތިޚާބު ކުރި ރައީސް އެމަނިކުފާނުގެ ގާބިލުކަން ނެތުމުގެ ސަބަބުން ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ނުކުމެވަޑައިގެން ފުލުހުންނަކީ ބާޣީން ކަމަށް ބުނެ މި މުޖުތަމައުގައި ވަރަށް ބޮޑެތި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި އެކަން މިއަދު އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"ހަމަ އެބޭފުޅުން މިއަދު ރާއްޖޭގެ ރިޔާސަތަށް ނުކުތުމަށް އަނެއްކާ ވެސް ނުކުމެ ވަޑައިގެން ތިއްބަވާ އިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ދެހާސް ބާރަ ވަނަ އަހަރު ފުލުހުންނަށް ދިމާވި ނުރައްކާތެރި ހިތާމަވެރި ހާދިސާ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދައްކާ ނަފުރަތު އުފައްދަން މަސައްކަތް ކުރާއިރު، އެމީހުންނަކީ ދިމާވާ ކޮންމެ ކަމެއްގައި ކޮންމެ ވަގުތެއްގައި ޚިދުމަތުގެ މައިދާނަށް ނުކުންނަން ތިބި ބައެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ފަރާތުން ހާއްސަ ދުއާއެއް ވެސް ކޮށްފަ އެވެ.

އަދި ފުލުހުންގެ ޑިއުޓީ އަދާކުރަމުންދަނިކޮށް ޝަހީދުކޮށްލި ފުލުހުންނާއި ނިޔާވި ފުލުހުންގެ ހަނދާނުގައި ވަނީ ހަމަ ހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކުރީގައި ހޯމް މިނިސްޓަރުން ނާއި ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރުންގެ އިތުރުން ސަރުކާރުންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފަ އެވެ.

ޑިއުޓީގައި ހަރަކާތްތެރިވަމުން ދަނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަނދާނުގައި ރޭ ވަނީ މޮނިއުމަންޓެއް ހުޅުވާފަ އެވެ.

އިސްކަންދަރު ކޮށި، އަމީނީމަގާވީ ފަޅިއަށް ހަދާފައިވާ މޮނިއުމަންޓްގައި ފާހަގަކޮށްފައިވާ ނަންނަތަކަކީ ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ހަލީމާއި ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޒިމް އާއި ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރާއި ޝަހީދު ޕޮލިސް ކޯޕްރަލް މިސްބާހު އަބުދުﷲ އެވެ.