ނައިޖީރިއާގެ އެންމެ ދަށް ލީގަށް ޕްރޮމޯޓް ވުމަށްޓަކައި ކުޅުނު ޕްލޭއޮފް ދެމެޗުގެ ތެރެއިން 79-0ން އަދި 67-0ން ނަތީޖާ ނެރުނު ދެމެޗުގައި ކުޅުނު ކުޅުންތެރިންނާއި އޮފިޝްލުންނަށް އުމުރު ދުވަހަށް ސަސްޕެންޑް ކުރާގޮތަށް ނައިޖީރިއަން ފުޓްބޯލް ފެޑެރޭޝަން (އެންއެފްއެފް) ހަމަޖައްސައިފި އެވެ.

މި މަހުގެ ކުރީ ކޮޅުގައި ނައިޖީރިއާގެ އެންމެ ދަށް ލީގަށް ޕްރޮމޯޓް ވުމަށްޓަކައި ކުޅުނު ޕްލޭއޮފްގެ އެއްމެޗުގައި އަކްރުބާ އެފްސީ އަތުން ޕްލެޓޫ ޔުނައިޓެޑް ފީޑާސް މޮޅުވީ 79-0 ންނެވެ. އަދި އަނެއް މެޗުގައި ބުބަޔަރޯ އެފްސީ އަތުން ޕޮލިސް މެޝިން އެފްސީ މޮޅުވީ 67-0ން ނެވެ.

ފީޑާސް އެމީހުންގެ 79 ލަނޑުގެ ތެރެއިން 72 ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. އަދި ޕޮލިސް މެޝިން އެމީހުންގެ 67 ލަނޑުގެ ތެރެއިން 61 ލަނޑު ކާމިޔާބު ކޮށްފައިވަނީ ފަހު ހާފުގަ އެވެ. އެ ނަތީޖާގެ ސަބަބުން ޕޮއިންޓުގެ ގޮތުން ޕޮލިސް މެޝިންއާއި ޕްލެޓޫ ހަމަހަމަ ވީނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ޕްލެޓޫއަށެވެ.

އެ ނަތީޖާއާ ގުޅިގެން ނައިޖީރިއަން ފުޓްބޯލް ފެޑެރޭޝަނުން ނިންމާފައިވަނީ، ދެ މެޗުގެ ކުޅުންތެރިންނާއި އޮފިޝަލުން އުމުރުދުވަހަށް ސަސްޕެންޑްކޮށް ހަތަރު ކްލަބް 10 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. އަދި އެންއެފްއެފްގެ މައްސަލަ ބެލި ކޮމެޓީން ލަފާދީފައިވަނީ، އެ މެޗުގައި އޮފިޝަލްކަންކުރި ފަރާތްތައްވެސް އުމުރަށް ސަސްޕެންޑް ކުރުމަށެވެ.

ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު މީގެ ކުރިން ފާހަގަ ކޮށްލެވޭ އެފަދަ ބޮޑެތި ނަތީޖާތައް ނުކުމެފައިވާ މެޗުތަކުގެ ތެރޭގައި، 1885ގެ ސްކޮޓިޝް ލީގުގައި ބޮން އެކޯޑް އަތުން 36-0ން އާބްރޯތު މޮޅުވިމެޗާއި، އިނގިރޭސި ލީގުގައި އިޕްސްވިޗް އަތުން 9-0ން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗާއި، ވޯލްޑްކަޕް ކޮލިފައިންގައި އެމެރިކަން ސަމޯއާ އަތުން 31-0ން އޮސްޓްރޭލިޔާ މޮޅުވި މެޗާއި އަދި މަޑަގަސްކަރަ ލީގުގައި ސްޓާޑޭ އޮލިމްޕީކް އަތުން 149-0 ން އޭއެސް އެޑީމާ މޮޅުވި މެޗު ހިމެނެ އެވެ.