23 Jul 2013, 11:50
ތިންވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ޝާފީ މުހައްމަދު ހޯދައިފި އެވެ.
ރޭގައި ކުޅުނު ފައިނަލްގައި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކެރަމް ކުޅުންތެރިޔާ ހުސެއިން ނީޝާމުގެ މައްޗަށް ޝާފީ ކުރި ހޯދީ ސީދާ ދެ ސެޓުން ނެވެ. ފިރިހެން ސިންގަލްސް ތިންވަނަ ހޯދީ ހަސަން ނާޒިމެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ފައިނާޒެވެ. ފައިނަލްގައި އައިމިނަތު ނިފާޝާއާއި ބައްދަލުކޮށް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އަންހެން ސިންގަލްސް ތިންވަނަ ހޯދީ އައިމިނަތު ވިޝާމާއެވެ.
ސިންގަލްސް އިވެންޓުގެ ފައިނަލްތަކުގެ އިތުރުން ރޭގައި ވަނީ ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތައްވެސް ކުޅެފައެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމާއި ސަދޫހު ސާމިއު އެވެ. ފައިނަލްގައި ޝާފީ މުހައްމަދާއި އަހުމަދު ތޮލާލުގެ މައްޗަށް ކާމިޔާބު ހޯދީ ދެ ސެޓު އެއް ސެޓުންނެވެ. ފިރިހެން ޑަބަލްސް ތިންވަނަ މަގާމް ހޯދީ އިސްމާއިލް ޝުޖާއު އާއި މުހައްމަދު މުންތަސިރެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަަފީފުއްނިސާ އާއި ފާތިމަތު ރަޔާނެވެ. ފައިނަލްގައި އައިމިނަތު ނިފާޝާއާއި އައިޝަތު މުހައްމަދުގެ މައްޗަށް ކާމިޔާބު ހޯދީ ދެ ސެޓު އެއް ސެޓުންނެވެ. އަންހެން ޑަބަލްސް ތިންވަނަ މަގާމް ހޯދީ އައިމިނަތު ވިޝާމާ އާއި ރިފްގާ މުހައްމަދެވެ.