ރަޝިއަން ޕްރިމިއާ ލީގުގެ އަންޒީ މެޚަލަކަލާގެ ކޯޗުކަމުން ނެދަލޭންޑްސްގެ ގޫސް ހިޑިންކް، 66، އިސްތިއުފާ ދީފި އެވެ.

ކުރިން ޗެލްސީ އަދި ޕީއެސްވީ އެވިންދޮވް އަށް ވެސް ކޯޗުކަން ކޮށްދިން ހިޑިންކްގެ ބަދަލުގައި އާންޒީގެ ކޯޗުކަމަށް ހަމަޖައްސާނީ މެންޗެސްޓާ ޔުނައިޓެޑްގެ ފަސްޓް-ޓީމްގެ ކުރީގެ ކޯޗު ރެނޭ މިއުލެންސްޓީން އެވެ.

ޗެލްސީއަށް 2009 ވަނަ އަހަރުގެ އެފްއޭކަޕް ހޯދައިދިން ކޯޗު، ރަޝިޔާގެ މުއްސަނދި އަންޒީއާ ގުޅުނީ، ފެބްރުއަރީ 2012ގަ އެވެ.

"އަހަރެން އަބަދު ވެސް ބުނަމުން ގެންދިޔައީ، އަންޒީގައި އަހަރެން ކުރަމުން މިގެންދާ މަސައްކަތް ނިމުމަކަށް އަންނާނެޔޭ، އަހަރެންނާ ނުލައި ކްލަބަށް ކުރިއަށް ދެވޭ ވަރުވީމައި،" ހިޑިންކް ބުންޏެވެ.

ހިޑިންކްގެ ކޯޗު ކަމުގައި މިދިޔަ ސީޒަން އަންޒީ ނިންމާލީ ޗެމްޕިމްޕިއަން ސީއެސްކާ މޮކޯއަށް ވުރެ 11 ޕޮއިންޓު މަދުން، ލީގުގެ ތިންވަނައިގަ އެވެ. އަދި މިސީޒަންގައި ހިޑިންކް އެ ކްލަބާ ވަކިވެގެން ދާއިރު އެ ކްލަބް ކުޅެފައިވަނީ އެންމެ ދެ މެޗެވެ. އެގޮތުން 16 ޓީމް ވާދަކުރާ ލީގުގައި އަންޒީ މިވަގުތު އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ 13 ވަނައިގަ އެވެ.

އަންޒީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކްލަބްގެ ހެޑްކޯޗު ކަމުން ވަކިވުމަށް އެދި ހިޑިންކް ހުށަހެޅި ހުށަހެޅުން ކްލަބުން ގަބޫލު ކޮށްފައިވާ ކަމަށާއި އަދި ހިޑިންކް އެ ކްލަބަށް ކޮށްދިން އަގުހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް އޭނާ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އަންޒީގެ ކޯޗުކަމަށް އަލަށް ހަވާލުވި، މިއުލެންސްޓީން ޔުނައިޓެޑުން ވަކިވީ، މިދިޔަ މަހު އެވެ. އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ސާ އެލެކްސް ފާގަސަންގެ ދަށުން ޔުނައިޓެޑްގެ ފަސްޓް-ޓީމް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.