23 Jul 2013, 10:51
ރާމަﷲ (ޖުލައި 23): އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން އަވަސްވެ ގަނެގެން ނޫޅޭކަމަށް ވިދާޅުވެ މިކަމާބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ދައްކަވާފައިވާ ވާހަކަތަކުގެ އަހައްމިއްޔަތު ކުޑަވާ ގޮތަކަށް ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ބަޔާނެއް ދެއްވައިފި އެވެ.
ރާމަﷲގައި ދެއްވި ބަޔާނެއްގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން ކުރިމަތިކޮށްފައިވާ ޝަރުތުތަކަށް އިސްރާއީލުން އިޖާބަދޭންޖެ ހޭނެ ކަމަށާއި މިކަމަށް އިޖާބަ ނުދެނީސް އިސްރާއީލާ އެކު ސުލްޙައިގެ މޭޒުދޮށުގައި އިށީނުމަށް ފަލަސްތީނުން ނިންމާފައިނުވާ ކަމުގަ އެވެ. ރުދައިނާ މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ފަލަސްތީނާ އިސްރާއީލާ ދެމެދު ހުއްޓިފައިވާ ސުލްޙައިގެ ވާހަކަތައް އަވަސްފުރްސަތެއްގެ ތެރޭގައި އަލުން ފެށުމަށް ފަލަސްތީނާއި އިސްރާއީލުން އެއްބަސްވެއްޖެ ކަމަށާ މިކަމާބެހޭ ގޮތުން އެ ދެ ގައުމުގެ މަސްއޫލުވެރިން މިހަފްތާގައި ވޮޝިންގްޓަންގައި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އެހެންކަމުން ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ދެއްވި މިބަޔާނަކީ ސުލްޙައިގެ ވާހަކަތައް ވަރަށް އަވަހަށް ފެށިދާނެކަމަށާ ވިދާޅުވެ ކެރީ ދެއްވާފައިވާ ބަޔާންތަކުގެ އަހައްމިއްޔަތު ކުޑަވާ ގޮތަކަށް ދެއްވި ބަޔާނެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ސުލްޙައިގެ ވާހަކަތައް އަލުންފެށުމަށް ފަލަސްތީނާއި އިސްރާއީލުން އެއްބަސްވެއްޖެ ކަމަށްވިދާޅުވެ ކެރީ ދެއްވާފައިވާ ބަޔާންތަކުގައި މިވާހަކަތައްއަލުން ފެށުމަށް ފަލަސްތީނުން ކުރިމަތިކޮށްފައިވާ ޝަރުތުތަކަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ. ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ވިދާޅުވީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން ކުރިމަތިކޮށްފައިވާ ޝަރުތުތަކަށް އިސްރާއީލުން އިޖާބަ ނުދެނީސް މި ވާހަކަތައް ނުފެށޭނެ ކަމުގަ އެވެ.
ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ގައިރު ޤާނޫނީ މަޝްރޫޢު ހުއްޓާލުމާއި 1967ގެ ހަނގުރާމައިގާ ހިފި ބިންތަކުން ފޭބުމަކީ ސުލްހައިގެ ވާހަކަތަކުގެ އަސާސް ކަމަށް ހެދުން ހިމެނެ އެވެ. މީގެއިތުން އިސްރާއީލުގެ ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުން ވެސް ސުލްހައިގެ ވާހަކަތައް ފެށުމަށް ފަލަސްތީނުންވަނީ ޝަރުތުކޮށްފަ އެވެ.
ރުދައިނާ ވިދާޅުވީ ކޮޅެއްގައި ނުޖެހި ދިގުލާގޮތަށް ފަލަސްތީނުން ދެން ސުލްހައިގެ ވާހަކަތައް ކުރިޔަށް ނުގެންދާނެ ކަމުގަ އެވެ. އަދި ސުލްހައިގެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް އިސްރާއީލުން ދެކޮޅުހަދައި ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ދިގުލަމުން ގެންދާ ނަމަ އެ ވާހަކަތަކުގައި ފަލަސްތީނު ދެމިނޯންނާނެ ކަމުގެ އިންޒާރު ވެސް ރުދައިނާ ދެއްވި އެވެ.
ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން ކުރިމަތިކުރި އެއްވެސް ޝަރުތަކަށް އިޖާބަދޭނެކަމުގެ ޔަގީންކަން މިހާތަނަށް އިސްރާއީލުން ދީފައެއް ނުވެ އެވެ. އަދި މިކަމަށް އެމެރިކާއިން ވެސް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކޮށްފައެއް ނުވެ އެވެ. (އަލްޖަޒީރާ)