ނިއުޔޯކް (ޖުލައި 23): ނިޔުޔޯކްގެ ލަގާޑިޔާ އެއަރޕޯޓަށް ޖައްސަން އުޅުނު ސައުތް އީސްޓް އެއަލައިންގެ ބޯޓެއް ރަންވޭން ކައްސާލައިގެންގޮސް އެ ބޯޓުގެ ކުރީކޮޅު ބިމުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 10 މީހަކު ޒަޚަމްވެއްޖެ އެވެ.
އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މިއީ ބޮއިންގް 737 ގެ ބޯޓެކެވެ. މިބޯޓު އައީ 143 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާ އެކު ނާޝްވިލް އިން ނިޔުޔޯކް އަށެވެ. މިހާދިސާއާ ގުޅިގެން ކުޑަވަގުތުކޮޅަކަށް ލަގާޑިޔާ އެއަރޕޯޓް ބަންދުކުރުމަށް ފަހު މިހާރުވަނީ އަލުން ހުޅުވާފަ އެވެ. އެސޯސިއޭޓެޑް ޕްރެސް ބުނާގޮތުން މިހާދިސާ ހިނގި ވަގުތު ލަގާޑިޔާ އެއަޕޯޓްގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. އަދި ބޯޓުގައި އަލިފާން ރޯނުވީ ލަގާޑިޔާ އެއަރޕޯޓްގެ ކުއްލި ޙާލަތާ ބެހޭ ބާރުތަކުން އަލިފާން ރޯވުމާދެކޮޅަށް ބޭނުންކުރާ ކެމިކަލްއެއް ބޯޓުގެ ކުރީކޮޅަށް ސްޕްރޭ ކުރުމުގެ ސަބަބުން ކަމުގަ އެވެ.

މި އެކްސިޑެންޓެއްގައި ޒަޚަމްވި 10 މީހުންގެ ހާލު ރަނގަނޅު ކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެންދި ޔަނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ޚަބަރުލިބެ އެވެ. ސައުތް އީސްޓް އެއަރލައިންގެ މިބޯޓް ރަންވޭން ކައްސާލިގޮތް ތަހްޤީޤް ކުރަމުންގެންދާ ކަމަށް ޚަބަރު ލިބެ އެވެ. (ބީ.ބީ.ސީ)