ގދ. ކާޑެއްދޫ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔާ ލޮރީ ހަލާކުވެގެން އެ އާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑައިލައިފި އެވެ.

ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ ފަޔާލޮރީ އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއާޕޯޓްގެ ހިދުމަތްތައް މެދުކަނޑާލައިފައި ވަނީ އިއްޔެ ހަވީރު ކަމަށާއި ފަޔާ ލޮރީ އަށް ދިމާވި މައްސަލަތައް ހައްލުކުރުމަށް ޓަކައި ޓެކްނީޝަނުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.

"އެއާޕޯޓަކަށް ފްލައިޓެއް ޖައްސާ ކަމުގައިވާ ނަމަ ފަޔާ ލޮރީއެއް އޮންނަން [ޖެހޭ]، ދިމާވެދާނެ ކުއްލި ހާލަތަކަށްޓަކައި ތައްޔާރަށް. އޭވިއޭޝަންގެ ގަވާއިދުގައިވޭ، [ފަޔާ ލޮރީއެއް އޮންނަން ޖެހޭނެ ކަމަށް]. އެހެންވެ ފަޔާ ލޮރީ ހަލާކުވެފައި އޮވެއްޖެ ނަމަ ފްލައިޓެއް ނުޖެއްސޭނެ. އަޅުގަނޑުމެންގެ ޓެކްނީޝަނުން ވަރަށް ބުރަކޮށް މަަސައްކަތް އެބަކުރޭ ފަޔާ ލޮރީއަށް ދިމާވި މައްސަލަ ހައްލުކުރަން،" ސާމީ ވިދާޅުވި އެވެ.

ފަޔާ ލޮރީ އަށް ދިމާވި މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް)ގެ ޓެކްނީޝަނުންނާއި ކާޑެއްދޫގެ ޓެކްނީޝަނުން މަސައްކަތް ކުރަމުން އަންނައިރު ކޫއްޑޫން ފަޔާ ލޮރީއެއް ކާޑެއްދޫއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާޑެއްދޫގެ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން މިހާރު އެ މަަންޒިލަށް ދަތުރުކުރަމުން އަންނަ ހުރިހާ ފްލައިޓެއް ވެސް ދަތުރުކުރަމުން ގެންދަނީ ގއ. އަތޮޅު ކޫއްޑު އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.