ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދައިދިނުމުގެ ގޮތުން "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިއަދު ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަންއިން ބުނެފި އެވެ.

އެކޮލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން މި ރޭ އެ ކޯލިޝަނުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ނިންމާފައިވާ އިރު އެ ހަރަކާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސަސް އަށް ދިމާވެފައިވާ އިތުރު މައްސަލަތައް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރަންވަންތޯ ސަން އިން ސުވާލުކުރުމުން އާދަން މަނިކު ވިދާޅުވީ "އެ މަސައްކަތް ސަރުކާރުން ކުރަމުންދޭ" ކަމަށެވެ. އަދި ކިހާ އަދަދެއްގެ ބަޔަކު ލޭ ހަދިޔާ ކުރާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "ރޯދަމަސް ކަމުން އެސްޓިމޭޓެއް ކުރަން ނޭނގޭ" ކަމަށެވެ.

ސަރަނގު އާދަމް މަނިކު ވިދާޅުވީ ބްލަޑް ސާވިސަސް އަށް ދިމާވެގެން އުޅޭ މައްސަލާގައި ވެސް އެންމެ ރަނގަޅުގޮތަކީ ވާހަކަ ދައްކައިގެން މަޝްވަރާކުރުން ކަމަށާއި ރޭގައި ހިނގައިދިޔައީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ އައުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭގެ ގޮތުގައި މޯލްޑިވްސް ބްލަޑް ސާވިސަސް އިން ރައްކާކުރާ ލޭ ޕެކެޓްތަކެއް ހަލާކުވުމުން ތެލަސީމިއާ ޕޭޝަންޓުންނާއި ތެލަސީމިއާ ކުދިންގެ ބެލެނިވެރިން ވަނީ ކުރީ ރޭގައި މުޒާހަރާ ކޮށްފަ އެވެ.